އިސްލާމް ދީނަކީ ދިވެހި ގައުމީ ބިނާގެ މައި ތަނބު: އިމްރާން

އިމްރާން މިރޭ ވަނީ އިސްލާމް ދީނުގެ ހިދާޔަތާ ބެހޭ ގޮތުންނާއި ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ބެހޭ ގޮތުން ވެސް މިރޭ ވާހަކަފުޅު ދައްކަވާފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މާތް ވެގެންވާ އިސްލާމް ދީނަކީ ދިވެހި ގައުމީ ބިނާގެ އެންމެ ވަރުގަދަ އަދި އެންމެ މައި ތަނބު ކަމަށާއި އެކަން ދިވެހި ރައްޔިތުން ދަނެ، އެ މައްޗަށް ދިވެހި ގައުމީ ބިނާ ސާބިތު ކުރުމުގައި ދެމި ތިބެން ޖެހޭނެ ކަމަށް ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާނަކީ ދީނީ ދަންނަ ބޭކަލެކެވެ. އަދި އޭނާ އަކީ ރާއްޖޭގެ ވަރަށް މަދު މީސްކޮޅެއް މައްޗަށް އޮންނަ ދީނީ ފިކުރުގެ ކުޑަކުޑަ ސިޔާސީ ޕާޓީއެއް ކަމަށްވާ އަދާލަތުގެ ރައީސް ވެސް މެއެވެ. 

އޭނާ މިރޭ ވަނީ އިސްލާމް ދީނުގެ ހިދާޔަތާ ބެހޭ ގޮތުންނާއި ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެެހީތެރިކަން ފޯރުކޮށް ދިނުމުގެ މުހިންމުކަން ފާހަގަކޮށް ދެއްވައި އެހީ ވެދޭން ގޮވާލައްވާފަ އެވެ.

ރާއްޖޭގެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި ބޭއްވި އެ ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަކީ ވަރަށް މުހިންމު ބޮޑެތި ގައުމީ މަގުސަދުތަކަކަށްޓަކައި ކުރާ ކަމެއް ކަމަށާއި ދިވެހި ވަތަނަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އެއް ޖީލުން އަނެއް ޖީލަށް ވާރުތަ ކުރުމުގެ ބޭނުމުގައި ވެސް ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ހިފަހައްޓަން ޖެހޭ މުހިންމު އުސޫލްތަލާއި އަސާސްތައް އިސްލާމް ދީން މަތީ އަބަދުމެ ދެމި އޮތުމަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އުފެދި ބޮޑުވެގެން އަންނަ ޖީލުގެ ހިތުގައި އިސްލާމް ދީނުގެ މަތިވެރި އަގީދާ ސާބިތު ކަމާއެކު ބިންވަޅު ނެގި ދިރުވައި އާލާ ކުރުމުގެ މަތިވެރި މަގުސަދު އޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާތް ވެގެންވާ އިސްލާމް ދީނަކީ ދިވެހި ގައުމީ ބިނާގެ އެންމެ ވަރުގަދަ މައިތަނބުކަން އަޅުގަނޑުމެން އެންމެން ދަނެ އޭގެ މަތީ މި ބިނާ ސާބިތު ކުރުމަށްޓަކައި...  އަޅުގަނޑުމެންގެ ދައުލަތާއި ފަރުދުންގެ ޒިންމާ އިސްލާމީ އުންމަތުގެ ކަރާމަތާ ޝަރަފަށް އަބަދުމެ ގުރުބާން ކުރުމަށްޓަކައި މާތް ވެގެންވާ އިސްލާމް ދީން އަޅުގަނޑުމެނާ ހަމައަށް ގެނައުމަށް ކާބަފައިންވި ގުރުބާނީ ޒިކުރާ އާކޮށް އެ ޒިކުރާ ދިރުވާ ޖީލުތަކާ ހަމައަށް މި އުންމަތް ސާބިތު ކަމާއެކު ގެންދިއުމަށް މި މަސައްކަތް ކުރަން ޖެހޭނެ" އިމްރާން ވިދާޅުވި އެވެ. 

ދިވެހި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ ހިޖުރައިން 1374 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު ވަންދެން ފާހަގަ ކުރުމަށްފަހު ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުން ހުއްޓާލީ އެވެ. އަލުން މި ދުވަސް ފާހަގަ ކުރައްވަން ފެށީ 2001 ވަނަ އަހަރުން ފެށިގެނެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީއުލް އާހިރު މަހުގެ ދެ ވަނަ ދުވަސް ފާހަގަ ކުރަން ކެބިނެޓުން ނިންމީ 2000 ވަނަ އަހަރު އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.