ހުރިހާ އިންތިހާބުތަކުގައި ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ އެމްއެންޕީ ގުޅިގެން

މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިހާބުން ފެށިގެން 2024 ވަނަ އަހަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައި ވެސް ތިން ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ ހުރިހާ ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެ ކަމަަށާ އިންތިހާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ މީހެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކ) ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން (މ) ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަބުރު ގައި ޕީޕީއެމް ޕީއެންސީ އާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ހުރި ހުރިހާ އިންތިހާބު ތަކެއްގައި ވާދަކުރުމަށް ކެނޑިޑޭޓުން ނެރޭނީ ތިން ޕާޓީ އިން އެއްކޮށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިރޭ އެމްއެންޕީގެ މައި ޖަހަގައި ގައި ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގައި ކައުންސިލް މެމްބަރަކު ވަނީ ކުރިއަށް ހުރި އިންތިހާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ޕީޕީއެމް ޕީއެންސީ އާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހެދިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ތިން ޕާޓީ އިން އެކުގައި ވާދަކުރުމާއި ބެހޭގޮތުން ވަކި މާއްދާ އެއް ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މާލޭ މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރާ އިންތިހާބުން ފެށިގެން 2024 ވަނަ އަހަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައި ވެސް ތިން ޕާޓީއިން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާނަމަ ހުރިހާ ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީ އެއް ބޭއްވޭނެ ކަމަަށާ އިންތިހާބުގައި ވާދަކުރާނީ ޕްރައިމަރީ އިން ހޮވޭ މީހެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަދި ޕްރައިމަރީ ކާމިޔާބުކުރާ މީހަކަށް، ތިން ޕާޓީ އިން ވެސް އިހްތިރާމު ކުރާނެ ކަމަށެވެ. އެ މީހަކަށް އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރުމަށް ވެސް މި އެއްބަސްވުމުގައި ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.


ނާޒިމް ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވި ހަތް އިންސައްތަ ވޯޓު ލިބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީ އިންވެސް އެކަމަށްޓަކައި ގިނަ މަސައްކަތެއް ކޮށްގެނެވެ. އެހެން ކަމުން ޕީޕީއެމް ޕީއެންސީގެ ސަރުކާރު ދެމެހެއްޓުމަށް އަދި ސަރުކާރު ހިންގުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ކުރިއަށް އޮތް ފަސް އަހަރަށް އެމްއެންޕީ އިން ދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަން ކުރިއަށް ހުރި އިންތިހާބު ތަކުގައި ވާދަކުރުމަށް ޕީޕީއެމް ޕީއެންސީ އާއެކު ވެފައިވާ އެއްބަސްވުން ކައުންސިލް މެމްބަރުންނަށް އެނގެން ޖެހޭނެ ކަމަށް. ވަރަށް އަވަސް މުސްތަގުބަލެއް ގައި ކައުންސިލް މެމްބަރުންނަށް އެ އެއްބަސްވުން ހިއްސާ ކުރާނަން. އިންތިހާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން ތިން ޕާޓީ އިން އެއްބަސްވެފައިވާ މާއްދާ އެއް މި އެއްބަސްވުމުގައި އޮންނާނެ. އެއީ ހުރިހާ އިންތިހާބެއްގައިވެސް ތިން ޕާޓީ އިން ކެނޑިޑޭޓުން ވާދަކުރާނަމަ ތިން ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި [އެ އިންތިހާބީ ދާއިރާއެއްގެ] ޕްރައިމަރީ އެއް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތުން އެ އިންތިހާބުގައި ވާދަކުރުން. އަދި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަކަށް ތިން ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑަޝިޕުން އެއްބާރުލުން ދިނުން،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީ އެއްގެ ކުރިމަގު ބިނާކުރުމަށްޓަކައި އިންތިހާބީ މަގާމުތަކުގައި ވާދަކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ އިންތިހާބުތަކުން ބަލިވުމަކީ ސިޔާސީ ޕާޓީއެއްގެ ކުރިމަގު ބަނަވުމެއް ނޫނެވެ. ސިޔާސީ ޕާޓީއެއް ކުރިއެރުމަށްޓަކައި އިންތިހާބުތަކުގައި ވާދަކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ އަދި އެހާމެ މުހިއްމު މަސައްކަތެއް ކަމުގައި ކަމުގައި ވިދާޅުވި އެވެ.

ނާޒިމް އެދިވަޑައިގަތީ ކުރިއަށްހުރި ހުރިހާ އިންތިހާބެއްގައިވެސް އެމްއެންޕީ އިން ވާދަކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.