އިންތިހާބުގައި ގުރައިދޫ ގައި ބެހެއްޓުނު ދެ ފޮށީން ވެސް ވޯޓް ތަފާތަކުން ކުރި ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއް ވޯޓް ފޮށިން 73 ޕަސެންޓް ހޯއްދެވި އެވެ. އަނެއް ވޯޓް ފޮށިން 75 ޕަސެންޓަށް ވުރެ މަތީން ހޯއްދެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދޫއަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ގައި ވަޑައިގެންނެވި ހުރިހާ ރަށަކުންހެން އެދުނު އެންމެ ބޮޑު އެއް އެދުމަކީ އިންތިހާބުގެ ކާމިޔާބީއަށް ފަހު އެންމެ ފުރަތަމަ އެ ރަށަކަށް ވަޑައިގަތުމެވެ.
އެ ހުށައެޅުންތަކާއި ގުޅިގެން ލީޑާޝިޕާ މަޝްވަރާ ކުރެއްވުމަށް ފަހު އިންތިހާބީ ރައީސް ނިންމެވީ އިންތިހާބު ގައި އެންމެ ބޮޑު ޕަސެންޓޭޖެއް ލިބޭ ރަށަކަށް ފުރަތަމަ ވަޑައިގަތުމަށެވެ. މުއިއްޒު ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެންމެ މަތީ ޕަސެންޓޭޖެއް އެ މަނިކުފާނަށް ލިބިފައި ވަނީ ތ. ގުރައިދޫން ކަމަށެވެ.
އެހެން ކަމުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ ރަށަށް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ރަށަށް ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ވިދާޅެއް ނުވެއެވެ.
މި ފަހަރުގެ އިންތިހާބުގައި ގުރައިދޫގައި ބެހެއްޓި ދެ ފޮށީން ވެސް ވޯޓް ތަފާތަކުން ކުރި ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއް ވޯޓް ފޮށިން 73 ޕަސެންޓް ހޯއްދެވި އެވެ. އަނެއް ވޯޓް ފޮށިން 75 ޕަސެންޓަށް ވުރެ މަތީން ހޯއްދެވި އެވެ.
ޖުމްލަ 600 ވުރެ ގިނަ ވޯޓް ގުރައިދޫން ލިބިފައިވާއިރު ރައީސް ސޯލިހަށް ލިބި ވަޑައިގެންފައި ވަނީ 200 އެއްހާ ވޯޓެވެ. ފުރަތަމަ ބުރަށް ވުރެ ބޮޑު ތަނުން އިތުރަށް މުއިއްޒަށް ވޯޓް ލިބިވަޑައިގެންނެވިއިރު ފުރަތަމަ ބުރުގައި ލިބުނު ވޯޓަށް ވުރެ ރައީސް ސޯލިހަށް އިތުރުވީ އެންމެ ހަ ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ގައި މުއިއްޒު ވަޑައިގެންނެވި ރަށްރަށުގެ ތެރެއިން އެންމެ ގިނަ ބަޔަކު ނުކުމެ މަރުހަބާ ކިޔާފައިވާ އެއް ރަށަކީ ވެސް ގުރައިދޫ އެވެ. ގުރައިދޫއަކީ އަބަދުވެސް ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ.