ޔޫޒަބަލް ރިޒާވްގައި ދެ މަހުގެ ޒަރޫރީ މުދާ ގެންނަ ވަރަށް ފައިސާ

ޖުމުލަ ރިޒާވަށް މިދިޔަ ދެ މަހު 100 މިލިއަން ޑޮލަރު އިތުރުވި ނަމަވެސް މި އަހަރުގެ މިހާތަނަށް ބަލާއިރު ރިޒާވް ހުރީ ދަށްކޮށެވެ. ސަބަބަކީ އިމްޕޯޓް އިތުރުވުމާއި ކުރު މުއްދަތުގެ ދަަރަނި އަދާކުރަން ބޮޑު އަދަދެއް ނެގުމެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ؛ ރާއްޖޭގެ ރިޒާވް ބަލަހައްޓަނީ އެމްއެމްއޭއިން

ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ފައިސާ ހުރި މިންވަރުން، ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ ފައިސާ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސެޕްޓެމްބަރު މަހުގެ އިކޮނޮމިކް އަޕްޑޭޓް ކަރުދާސް ދައްކާ ގޮތުގައި މިދިއަ އޯގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 694 މިލިއަން ޑޮލަރެވެ. މި އަދަދަކީ ޖުލައި މަސް ނިމުނުއިރު ރިޒާވްގައި ހުރި 594 މިލިއަން ޑޮލަރަށްވުރެ 100 މިލިއަން ޑޮލަރު އިތުރު ވުމެކެވެ. 

ނަމަވެސް މިހާރު ރިޒާވްގެ ޓްރެންޑް ދައްކާ ގޮތުގައި ދަނީ ދަށްވަމުންނެވެ. ޖޫންގައި 748 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖުލައިގައި މި އަދަދު ވަނީ 702 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. 

އޯގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި 694 މިލިއަން ޑޮލަރުން ބަލާނަމަ މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުންނާނީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރެވެ. މި އަދަދަކީ ރާއްޖޭގެ ދެ މަހުގެ އިމްޕޯޓަށް ކިރިޔާ ފުދޭވަރުގެ ފައިސާ އެވެ. 

ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަކެތި އިތުރު ކުރަން މަހެއްގެ މައްޗަށް އެވްރެޖުކޮށް 60 މިލިއަން ޑޮލަރު ވަރު ހަރަދުވެ އެވެ.

މި އަހަރު ރާއްޖޭގެ ޖުމްލަ ރިޒާވް

  •  ޖެނުއަރީ - 789 މިލިއަން ޑޮލަރު
  •  ފެބްރުއަރި - 795 މިލިއަން ޑޮލަރު
  •  މާރިޗް - 764 މިލިއަން ޑޮލަރު
  •  އެޕްރީލް - 756 މިލިއަން ޑޮލަރު
  •  މެއި - 748 މިލިއަން ޑޮލަރު
  •  ޖޫން - 702 މިލިއަން ޑޮލަރު
  •  ޖުލައި - 594 މިލިއަން ޑޮލަރު
  •  އޮގަސްޓް - 694 މިލިއަން ޑޮލަރު
ޔޫޒަބަލް ރިޒާވް އެނގޭނީ ކިހިނެއް؟ - ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާގެ މިންވަރު ކުރިން އެމްއެމްއޭއިން ހާމަ ކުރެ އެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ފެށިގެން އެމްއެމްއޭ އިން ވަނީ މި ހިސާބުތައް އާއްމު ކުރުން ހުއްޓާލާފަ އެވެ. ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަނި ރިޒާވުން އުނި ކޮށްގެންނެވެ.
ރިޒާވްއަށް ވާ ގޮތް - ރާއްޖޭގެ ރިޒާވްއަކީ ކޮންމެ މަހަކު ދަށްވެ އިތުރުވާ އެއްޗެކެވެ. އޭގެ މައިގަނޑު ސަބަބަކީ ލޯނުތައް އަނބުރާ ދެއްކުން އިތުރުވުމާއި އިމްޕޯޓްއަށް ގިނަ އަދަދެއްގެ ފައިސާ ރިޒާވުން ނަގަން ޖެހުމެވެ.

އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ލޯނު ދައްކަން 1,413.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރު ލޯނު ދައްކަން ކަނޑައަޅާފައިވާ ބަޖެޓަކީ 2,040.4 ބިލިއަން ރުފިޔާ އެވެ. މި ފަހުގެ ތާރީހުގައި ރާއްޖޭގެ ރިޒާވް އިތުރު ވެގެން ދިޔައީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ރިޒާވްގެ ނަމްބަރު އެއް ބިލިއަން ޑޮލަރަށް އެެރި އެވެ. ނަމަވެސް މި އަދަދަށް ރިޒާވް މަތިވެގެން ދިޔައީ އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ރާއްޖޭގެ އެމްއެމްއޭއިން ހެދި ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސަބަބުންނެވެ.

ކޮމެންޓް

2
450
ސޮއްޓެ
7 months ago

ގައުމަށް ގައްދާރު ވުމަކީ ބޭރު ބައެއް ގޮވައިގެން އައިސް ރާއްޖެ ހިސޯރު ކުރުމެއްނޫން. އެކި ގޮތް ގޮތުން އަންބޮނޑި ބޮޑު ކުރުން ވެސް އެ ހަމަ ގައްދާރީ ބަލާ ، ބލާ ފާސްކުރޭ،

ފަޒިއްޓެ
7 months ago

ލަންކާ އަށް ވީ ގޮތް ވަރަށް ގާތުން ބަލަން ޖެހޭނެ ، އެއިން ފިލާވަޅު އުނގެނި ބަނގުރޫޓަކުން ސަލާމަތް ވާން ޖެހޭނެ. ދުވެހެއް ދުވަހަކަށް އަޑި އަޅާލާތަން މި ފެންނަނީ . ހާދަ ދެރަ އޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.