"ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް، އެ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރާނަން"

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވާނަމަ ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކާ ކުރަން ޖެހޭ މަސައްކަތުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖެއަށް ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށާ ރާއްޖޭގައި އޮންނަން ތާއީދު ކުރައްވަނީ ވެސް ރިޔާސީ ނިޒާމަކަށް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓުން އިސްވެ ތިލަކޮށް މަޖިލީހުން ފާސް ކޮށްފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ވެރިންކަން ހިންގާ މައި ޕާޓީ، އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން އެމްޑީޕީން ގޮތެއް ނިންމަން އެ ޕާޓީގެ ގައުމީ މަޖިލިިސް މިރޭ ވަނީ އެއްްވެފަ އެވެ.

އެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒަމުގައި ވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށެވެ. ރައީސް މިރޭ ވަނީ ވަރަށް ސާފުކޮށް އެމަނިކުފާނުގެ ތާއީދު އޮތީ ރިޔާސީ ނިޒާމެއް އޮތުމަށް ކަމަށް ވިދާޅުވެފަޗއެވެ.

"މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދު އޮތީ ވެސް ރިޔާސީ ނިޒާމަށް،"

ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ޑިމޮކްރެޓުން ކުރާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ނުސީދާ ކޮށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށް އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވަންޏާ، ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނެ ވާހަކަ ވެސް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފަ އެވެ. އެ ގަރާރު ފާސް ކުރީ އެމްޑީޕީ މެންބަރުންގެ ތާއީދާއެކު އެވެ.

އެމްޑީޕީ ބައިބައިވެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފެއްދި ޕާޓީ، ޑިމޮކްރެޓުން އިސްވެ ބަރުލާމީނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ފެށީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިން ވަނައަށް ގޮސް އެ ޕާޓީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޮޅުވާ ކެންޑިޑޭޓެއް ޑިސައިޑް ކުރުމުގެ ވަރަށް ބޮޑު ބާރަކަށް ވާ ޕާޓީއަކަށް އެ ޕާޓީ ބަދަލުވި ވަގުތު އެވެ.

މަޖިލީހުގައި ގަރާރު ފާސްކޮށް ދިން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ނުލިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުން ބަލިވެ ދެވަނަ ދައުރެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތް ނުވުމުން، އެ ނާކާމިޔަބީ އެއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 90 ޕަސެންޓް މެންބަރުންގެ އިތުރުން ޕާޓީގެ އާންމު މެންބަރުން ވެސް އަންނަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނަމުންނެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަަކަށް ފުރޮޅާލަން ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވައެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ.

އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ.

ކޮމެންޓް

2
450
ސުންދުސް
6 months ago

ރިޔާސީ ނިޒާމް ހަމަ ރަނގަޅީ . ނަޝީދު އުޅޭގޮތެއް ދެން. އަބުރުވެރި ކަމާއެކު ރާއްޖޭގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ވެރިކަނ ކުރެއްވި ރައީސްއެއްގެ ގޮތުގައި އެ ލިބޭ އިނާޔަތްކޮޅާއެކު އުޅުނީމަ ވީނު. ދިވެހިން އެއޮތީ ވަކި ގޮތެއް ކުރިންވެސް ނިންމާފަ.

އަލިހޮއްކޮ
6 months ago

ކުރުކޮށް ބުނާނަމަ, ގައުމަށް އެންމެ މޮޅުވެފައި ރަގަޅުވާނީ ނަޝީދު ބުނާގޮތް ނޫން އަނެއް ގޮތެވެ. ހަމަ ގައިމުވެސް އަެނައެއް ދިވެހިރާއްޖް އަށް ނޫނީ އިސްލާމް ދީނަށް ހެވެއް ނޭދޭނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.