މެޖޯރިޓީ ލީޑަރު އެދުނީ އަވަސް އަރުވާލައިގެން ނިޒާމީ ވޯޓަށް ނުދާން

އަސްލަމް ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓަކަށް ދެވޭނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ވެސް މަޝްވަރާ ކުރެވިގެނެވެ. ދާއިމީ ކޮމެޓީއަކަށް މައްސަލަ ގެންދިއުމަށް ފަހު އެކަމާ ގުޅުން ހުރި ބޭފުޅުންގެ ބަހެއް ހޯދައިގެނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު / މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް

ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޖެހޭނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށާއި މިއީ އަވަސް އަރުވާލައިގެން ނިންމޭނެ ނިންމުމެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު / މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރަމުން ދަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާޅު ހޯދުމުގެ ވޯޓް ނެގުމާ ގުޅޭ ގޮތުންނެވެ. ހިޔާލު ހޯދަން ވޯޓު ކަރުދާހުގައި އަހާނެ ސުވާލަކާމެދު ބަހުސް ކުރަމުންދާއިރު އަސްލަމް މިއަދު ވިދާޅުވީ އެ ވޯޓް ނެގުމުގެ ގަރާރު މަޖިލީހުން ފާސްކޮށްފައި ވަނީ އެކަށީގެންވާ ވަރަށް މަޝްވަރާ ކުރުމަށްފަހުގައި ނޫން ކަމަށެވެ.

އެއްދުވަހުން ހުރިހާ ކަމެއް ނިންމާލުމަށްފަހު ފާސްކުރި މި ގަރާރުގައި ސާފުނުވާ ކަންތައްތަކެއް ހުރުމުން އިލެކްޝަން ކޮމިޝަނުން ވެސް އެދިވައިވާތީ އެކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. 

ގަރާރު ފާސްކުރުމާއި ގުޅިގެން އީސީން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އީސީން އެދިފައި ވަނީ ރައްޔިތުންގެ ކައިރިން އަހާނެ ސުވާލަކާއި އެ ސުވާލާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށެވެ. އަދި އިންތިހާބަށް ބޭނުންވާ ބަޖެޓް ފާސްކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

ސިޓީގައި ހުރި ކަންކަން ފާހަގަކުރެއްވުމަށްފަހު އަސްލަމް ވިދާޅުވީ މިއީ މުޅި މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރުން ބަހުސްކޮށްގެން ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިތަނުގަ ދިގު ބަހުސްތަކެއް ކުރިޔަސް، އަދި އެކި ވާހަކަތައް އެކި ބޭފުޅުން ދެއްކެވިޔަސް މިޔަކަށް ޖުމްލަ ހައްލެއް ނާންނާނެ. މިއަށް ޖުމްލަ ހައްލެއް އަންނާނީ މުޅި މަޖިލީހުގެ ކޮމެޓީއަކުން ވެސް ނޫން، ދާއިމީ ކޮމެޓީއަކަށް އިލެކްޝަން ކޮމިޝަންގެ ބޭފުޅުން ވެސް ގެންނަވައި، އަދި ކަމާ ގުޅުން ހުރި އެހެނިހެން ބޭބޭފުޅުން ވެސް ގެންނަވައި މިކަން ސާފުކޮށް ރަގަޅަށް ކުރެވޭނެ ގޮތަކަށް ކޮށްގެން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދެވޭނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ވެސް މަޝްވަރާ ކުރެވިގެން ކަމަށާއި، ދާއިމީ ކޮމެޓީއަކަށް މައްސަލަ ގެންދިއުމަށްފަހު އެކަމާ ގުޅުން ހުރި ބޭފުޅުންގެ ބަހެއް ހޯދައިގެން ކަމަށެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވާނީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން އަޅުގަނޑުމެން [އެމްޑީޕީން] ބޭނުންވާ ގޮތް ނުވަތަ ހުށަހަޅާ ގޮތް ވެސް ސާފުކުރުމަށްފަހު ކަމަށް އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

އަދި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ލާޒިމް ނުކުރާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، އަވަސް އަރުވާލައިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރަން މަސައްކަތް ކުރުމަކީ މުޅި ގައުމަށް ވެސް ހުރި ދެރައެއް ކަމުގައި އަސްލަމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަވަސް އަރުވާލައިގެން އަދި އަޅުގަނޑުމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތަތީވެ، އޭގެ ނުރަގަޅު ބޭނުން ހިފާ އަދި ވަކިން ހާއްސަކޮށް ވެރިކަމުގެ ނިޒާމު ފަދަ ކަންކަން ބަދަލުކުރެވިގެން ދިއުމަކީ މުޅި ގައުމަށް ހުރި ރަގަޅު ގޮތެއް ކަމުގަ އަޅުގަނޑު ނުދެކޭތީ އެވާހަމަވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅިގެން އޭނާ ނިސްބަތްވާ އެމްޑީޕީން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަސްލަމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 ޕަސެންޓް ބަރުލަމާނީ ނިޒާމަށް ދެކޮޅު ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްޑީޕީން މިކަމަށް ތާއީދު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.