ނިޒާމީ ވޯޓަށް ގޮތް ނިންމާން އެމްޑީޕީ މިރޭ އެއްވަނީ ބޮނޑިބަތާއެކު

ޑިމޮކްރެޓްސް އިން އިސްވެ އޮވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކެމްޕޭން ކުރަމުން އަންނައިރު އިލެކްޝަނުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރު ކަމަށާއި އެކަމަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބުނެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފޮޓޯއެއް: ޕާޓީގެ ދަފްތަރު އޮތީ ގަޑުބަޑުވެފައި -- އެމްޑީޕީ

ޑިމޮކްރެޓުން އިސް ތިލަކޮށް މަޖިލީހުން ފާސް ކޮށްފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު މިރޭ ވެރިންކަން ހިންގާ މައި ޕާޓީ، އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީމް އެމްޑީޕީން ގޮތެއް ނިންމަން އެ ޕާޓީގެ ގައުމީ މަޖިލިިސް އެއްވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް މިހާރު ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި މަހުގެ 30 ވަނަ ދުވަހު ގެ ކުރިން ނަގަން އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.   

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމަން ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ 8:30 ގައި މާލޭގެ އިމާދުއްދީން ސްކޫލުގައި ކުރިޔަށް ދާނީ ބޮނޑިބަތާއެކުގައި ކަމަށާއި އެ ސްކޫލްގެ ހޯލުގައި ޖާގަ އޮތް މިންވަރަކުން ދިވެހި ރައްޔިތުންގެ ތެރެއިން އާއްމު މެންބަރުންނަށް ވެސް އަޑުއަހަން ވަދެވޭނެ ކަމަށެވެ. -- ގައުމީ މަޖިލީހުގެ އެ އެއްވުމުގައި ނިޒާމީ ވޯޓާމެދު ގޮތެއް ނިންމާނެ އެވެ. 

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގާފަ އެވެ. އެ ގަރާރު ފާސް ކުރީ އެމްޑީޕީ މެންބަރުންގެ ތާއީދާއެކު އެވެ. 

އެމްޑީޕީ ބައިބައިވެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފެއްދި ޕާޓީ، ޑިމޮކްރެޓުން އިސްވެ ބަރުލާމީނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ފެށީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިން ވަނައަށް ގޮސް އެ ޕާޓީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި  މޮޅުވާ ކެންޑިޑޭޓެއް ޑިސައިޑް ކުރުމުގެ ވަރަށް ބޮޑު ބާރަކަށް ވާ ޕާޓީއަކަށް އެ ޕާޓީ ބަދަލުވި ވަގުތު އެވެ.  

މަޖިލީހުގައި ގަރާރު ފާސްކޮށް ދިން ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ނުލިބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުން ބަލިވެ ދެވަނަ ދައުރެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތް ނުވުމުން، އެ ނާކާމިޔަބީ އެއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 90 ޕަސެންޓް މެންބަރުންގެ އިތުރުން ޕާޓީގެ އާންމު މެންބަރުން ވެސް އަންނަނީ ބަރުލަމާނީ ނިޒާމަށް ވޯޓު ނުދޭނެ ކަމަށް ބުނަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މަނިކުފާނު ކުރިޔަށް ވަޑައިގަންނަވާނީ ރިޔާސީ ނިޒާމާއެކުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިޒާމާ ދެކޮޅު އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި ކެމްޕޭނެއް ވެސް ވަނީ ނުރަސްމީކޮށް ފަށާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ރޭ ވަނީ ރިޔާސީ ނިޒާމު ނޫން ނިޒާމެއް ގެންނަން ދެކޮޅު ކަމަށް ރޭ ވިދާޅުވެފަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީއޭ އާއި އެމްއެންޕީ ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅެވެ.

ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން އިސްވެ އޮވެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކެމްޕޭން ކުރަމުން އަންނައިރު އިލެކްޝަނުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރު ކަމަށާއި އެކަމަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބުނެ އެވެ. ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ސާފު ކުރުމުގެ މައްސަލަ ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އެ މައްޗަށް މަޖިލީހުގައި މިއަދު ވަނީ ބަހުސެއް ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.