ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކޮށް އެކަން ކުރަން އިލްޝަން ކޮމިޝަނަށް ވަނީ އަންގާފަ އެވެ. އެ ވޯޓް މި މަހުގެ ނަގަ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ހުއްޓުލާއި ދިވެހި ރައްޔިތުން އިންތިހާބު ކުރި ރައީސުލްޖުމްހޫރިއްޔާއާއެކު ކުރިޔަށް ދިއުމަށް ސިޔާސީ ތަޖުރިބާކާރު އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ފުރަތަމަ ބުރުން ބަލިވެ ވަޑައިގެންނެވި ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ
ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު މިއަދު ސޯޝަލް މީޑީއާގައި ވަނީ އެ މަނިކުފާނުގެ ދިގު ލިޔުމެއް ހިއްސާ ކުރައްވާފަ އެވެ.
އެ މަނިކުފާނުގެ މުޅި އެ ލިޔުއްވުން ބިނާ ކުރައްވާފައި ވަނީ ދިވެހި ރައްޔިތުން ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ އަކާއި ނައިބަކު އިއްޔެ އިންތިހާބުކޮށްފައި ވަނިކޮށް ވެރިކަމުގެ ބަދަލު ކުރަން ނިޒާމީ ވޯޓެއް ނެގުމާ ދެކޮޅު ހެއްދެވުމަށާއި އޭގެ ސަބަބުތައް ވިދާޅުވެ ދެއްވުމަށެވެ.
ގާސިމް ލިޔުއްވަ އެވެ: "މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވީ ނަމަވެސް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫން ތަކާއި އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިހާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަގަވާމީ މުޖުތަމައުން އެ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސާއި ނާއިބު ރައީސް މަގާމުގެ ހުވާ ކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮން ނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފު އަދި ބައިނަލް އަގުވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލު ތަކާވެސް މުޅީން ހިލާފު ކަމެކެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ."
ގާސިމްގެ އެ ލިޔުއްވުމުގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރައީސަކާއި ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރު ހޯދުމުގެ ނިޔަތުގައި ބާރު ގަދަ ފަރާތަކުން ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވިސްނުމުގައި ނިޒާމު ގަޑުބަޑު ކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ބަޔަކު އެދޭ ގޮތެއް ހާސިލު ކުރަން ނިޒާމީ ވޯޓެއް ނެގުމަކީ ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވާނެ ކަމެއް ކަމަށާއި އަދި މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނަގަން ކުރާ މަސައްކަތުގެ ސަބަބުން އުފެދިގެން ދާނީ، ފިތުނައާއި ފަސާދައި އަލިފާން ހުޅެއް ކަމަށެވެ.
އަދި އެއން ގައުމާއި ރައްޔިތުންނަށް ލިބޭނެ ނިކަމެތިކަން އެ މަނިކުފާނަށް ތަސއްވުރު ކުރެއްވޭ ކަމަށާއި އެކަމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"... މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލެކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން އަޅުގަނޑު ފުރިގަމަ އަށް ގަބޫލު ކުރަމެވެ." ގާސިމް ވިދާޅުވެފައި ވެ އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމަށާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރި ޑރ. މުހައްމަދު މުއިއްޒާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށް ދިއުމަކީ، ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބު ކަމަށާއި ގައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ގައުމު ކުރިއަށް ގެންދެވޭނީ ގަސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރަކުން ކަަމަށެވެ.
އަދި ވެސް ވިދާޅުވެފައި ވެއެވެ:
"މި ވޯޓު ނަގަން ވަކާލާތުކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން އަޅުގަނޑު އިހުލާސްތެރި ކަމާއެކު އެދެނީ، އަދި އަޅުގަނޑުގެ އިލްތިމާސަކީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ތިޔަ ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅި ގައުމުގެ ހަމަޖެހުމަށްޓަކައި، ގައުމު އިސްކޮށް ގައުމާއިގެން ކުރިއަށް ދިއުމަށެވެ. އެހެނީ، ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ގަބޫލު ކުރައްވައެވެ. ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓު ކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށެވެ."
އަދި ބެޖެޓް ލިބިއްޖެނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނިމުމާއެކު ވަގުތުން ނިޒާމީ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނިޒާމީ ވޯޓަށް އެހުމުގެ ގަވާއިދު މިހާރު ޑްރާފްޓް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ގެޒެޓް ކުރެވިގެންދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ނިޒާމީ ވޯޓެއް ނަގާނަމަ 40 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވެ އެވެ.