ކާމިޔާބަށްފަހު މުއިއްޒު ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް

މުއިއްޒު އިތުރަށް ވިދާޅުވެފައި ވަނީ މިއަދުގެ ނަތީޖާއިން ލިބިގެން ދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މުއިއްޒު ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ

ގައުމުގެ މުސްތަގުބަލަށް އޮތް އެންމެ ރަގަޅު ގޮތަކީ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން ކަމަށާއި، އެހެންކަމުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިންތިހާބު ކާމިޔާބުވިކަން ކަށަވަރުވުމާއެކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި މުއިއްޒު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައިވެ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ގާނޫނީ ގޮތުން ރައީސަށް ކުރެއްވޭނެ ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް. އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު ގޮތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވެފައި ވަނީ މިއަދުގެ ނަތީޖާއިން ލިބިގެން ދިޔައީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެއީ ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށްޓަކައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ގައުމުގެ މިނިވަންކަން އަނބުރާ ހޯދުމަށްޓަކައި އޭނާއަށް ދިވެހި ރައްޔިތުން އިތުބާރު ކުރުމުން އެކަމަށް ޝުކުރު ވެސް އަދާކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ މިއީ ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ، ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށެވެ. އަދި، އޭނާގެ ސަރުކާރުގައި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށެވެ.

"މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު. އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު. އަޅުގަނޑުމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭނެ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މާދަމާ ހެނދުނު 6:00 އާ ހަމަޔަށް އުފާ ފާޅުކުރެވެން ނެތް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ މާދަމާ ރޭ އުފާ ފާޅުކުރަން ސަޕޯޓަރުންނާއެކު ނުކުންނަވާނެ ކަމަށެވެ.

ރައީސް ސޯލިހާއި ވާދަކުރައްވައި މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ބަލި ގަބޫލުކުރެއްވުމަށްފަހު ރައީސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.