"ކޮންމެ ނަތީޖާއެއް ނުކުތަސް ބަލައިގަންނަން ޖެހޭނެ"

"ކުރިއަށް އޮތް ފަސް އަހަރު ބަލަންވީ މިއަދު ރައްޔިތުން ނިންމަވާ ގޮތާ އެއްކޮށް ކުރިއަށް ދާން، ގައުމާގެން ކުރިއަށް ދާން. އަޅުގަނޑު ގަބޫލުކުރަނީ އަބަދުވެސް އެއް ފަސް އަހަރަކަށްފަހު އަނެއް ފަސް އަހަރެއް ރަގަޅުވާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް

މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެ ނަތީޖާ ދިވެހި ރައްޔިތުން ބަލައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވައިލައްވައިފި އެވެ.

ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ އިންތިހާބެއް ނިމިގެންދާއިރު ހުރިހާ ރައްޔިތުން އެކަކަށް ވޯޓް ނުލާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މިފަދަ ދަނޑިވަޅުތަކުގައި އަބަދުވެސް އިސްކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުން ކަމަށާއި، އޮތް ގޮތަކީ ލިބޭ ނަތީޖާއާއެކު ކުރިއަށް ދިއުން ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު ބަލަންވީ މިއަދު ރައްޔިތުން ނިންމަވާ ގޮތާ އެއްކޮށް ކުރިއަށް ދާން، ގައުމާގެން ކުރިއަށް ދާން. އަޅުގަނޑު ގަބޫލުކުރަނީ އަބަދުވެސް އެއް ފަސް އަހަރަކަށްފަހު އަނެއް ފަސް އަހަރެއް ރަގަޅުވާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ސުލްހަވެރިކަމާއެކު ގައުމު ކުރިއަށް ދިއުން ކަމަށެވެ. އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުން ނިންމާ ނިންމުމަކާ އެކުގައި ކަމަށާއި، ނަމަވެސް އެއް ފަސް އަހަރު ހޮވޭ ބޭފުޅަކު އަނެއް ފަސް އަހަރު ހޮވުން މަޖުބޫރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އިތުރު ފަސް އަހަރެއް ލިބިއްޖެނަމަ ކުރިން ހެދުނު ގޯސްތައް ރަގަޅު ކުރަން އެބޭފުޅަކަށް ފުރުސަތު ލިބިގެންދާނެކަން ވެސް ފާހަގަކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގައި ފަސް އަހަރު ހުންނެވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެދޭ އެންމެ ބޮޑު އެދުމަކީ ގައުމީ ހަމަޖެހުމާ ގައުމީ ކުރިއެރުން. އަޅުގަނޑު އަބަދުވެސް ހުންނަވާނީ ރައްޔިތުން އެ ނިންމަވާ ގޮތަކަށް، އަޅުގަނޑު ތާއީދު ކުރާނީ އަބަދުވެސް ރައްޔިތުން ނިންމަވާ ގޮތަކާގެން ކުރިއަށް ދިއުމަށްޓަކާ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މި ފަސް އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ އިތުރު ފަސް އަހަރެއް ލިބިވަޑައިގަންނަވާނެ ކަމަށް ނޫން ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރެއްވީ ވީހާވެސް ބޮޑަށް ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ކޮށްދެއްވުމަށް ކަމަށެވެ. 

އެމަނިކުފާނު ދެއްކި ކުރު އިންޓަވިއުގައި އެދިވަޑައިގެންފައި ވަނީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުން ނުކުމެ ވޯޓް ލިބުމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ކުރީކޮޅު ނައިބު ރައީސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބައެއް ކެމްޕޭނު ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން، އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލަކަށް ރައީސް ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ރައީސަށް ވަރަށް ތައުރީފް ކުރެއްވި އެވެ. އެކަމަކު އޭގެ ފަހުން ރަނިންމޭޓަކަށް މެމްބަރު މުހައްމަދު އަސްލަމް ހަމަޖެއްސެވުމާއި ހަމައިން ނައިބު ރައީސް ވަނީ ރައީސްގެ ކެމްޕޭނު ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެންފަ އެވެ. އަދި ދާދި ފަހުން އިދިކޮޅު ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންތަކަކާއެކު ނަންގަވާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.