ނިޔަތް ގޯސްނަމަ ފައިސާ ޖަމާކުރާނީ އޮފްޝޯ ބޭންކް އެކައުންޓަކަށް: ޔާމީން

މީހަކު ނުބައި ނިޔަތެއްގަ ގާނޫނާ ހިލާފަށް ފައިސާ ހޯދައިފިކަމަށްވާނަމަ އޭނާ އެ ފޮރުވަން ކުރާ މަސައްކަތުގެ ތެރޭގަ ޓްރޭސެބިލިޓީ ފެންނަ ގޮތަށް، ޖުރިސްޓިކްޝަނެއްގެ ބޭންކެއްގަ އޭނާގެ އެކައުންޓްގަ އެ ފައިސާ ދަތުރުކުރިޔަސް ޓްރޭސެބިލިޓީއެއް ނުގެއްލޭ،

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހައިކޯޓުގައި ވާހަކަދައްކަވަނީ --

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ލިބުނު ކަމަށް ބުނާ ފައިސާ ލޯންޑާ ކުރަން ބޭނުންވި ނަމަ އެ ފައިސާ ބަހައްޓާނީ ޓްރޭސް ނުކުރެވޭނެހެން އޮފްޝޯ ބޭންކެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ހައިކޯޓުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މައްސަލައިގައި މިހާރު ބަހުސް ކުރަމުން ދަނީ މަނީ ލޯންޑަރިންއާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ހުށަހެޅުއްވި ނުކުތާއަކާ ގުޅިގެންނެވެ.

އެ ނުކުތާގައި ވާހަކަދައްކަވަމުން ޔާމީން މިއަދު ވިދާޅުވެފައި ވަނީ މީހަކު ނުބައި ނިޔަތެއްގައި، ގާނޫނާ ހިލާފަށް ހޯދާ ފައިސާއެއް ދޮންނަން ބޭނުންވާނަމަ އޭގެ ޓްރޭސެބިލިޓީ ނުވަތަ އެ ފައިސާ ހޯދޭނެހެން އަމިއްލަ އެކައުންޓްގައި ނުބަހައްޓާނެ ކަމަށެވެ. 

"މީހަކު ނުބައި ނިޔަތެއްގަ ގާނޫނާ ހިލާފަށް ފައިސާ ހޯދައިފިކަމަށްވާނަމަ އޭނާ އެ ފޮރުވަން ކުރާ މަސައްކަތުގެ ތެރޭގަ ޓްރޭސެބިލިޓީ ފެންނަ ގޮތަށް، ޖުރިސްޓިކްޝަނެއްގެ ބޭންކެއްގަ އޭނާގެ އެކައުންޓްގަ އެ ފައިސާ ދަތުރުކުރިޔަސް ޓްރޭސެބިލިޓީއެއް ނުގެއްލޭ. އެ ކޮންސީލްކުރަން ކުރާ މަސައްކަތެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެކަމަކު އޭގެ ބަދަލުގައި، އެ ފައިސާ އޮފްޝޯ ބޭންކެއްގައި ބަހައްޓައިފިނަމަ އެ ހިސާބުން އެމީހެއްގެ ނިޔަތް ގޯސްކަން އެނގިގެންދާނެ ކަމަށެވެ. އޮފްޝޯ ބޭންކުތަކުން މީހެއްގެ އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރާނެކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގަ މަނީލޯންޑަރިންގަ ހަގީގަތުގަ ދޮރު ފާރަވެރިޔަކީ މަރުކަޒީ ބޭންކް. އެހެންވީމަ ދިވެހިރާއްޖޭގެ ބޭންކުތަކުގަ މި ހިނގާ މުއާމަލާތްތަކުގަ އެކެއްގެ ނަމުގަ އޮންނަ އެއް އެކައުންޓުން އަނެއް އެކައުންޓަށް ދިއުން، ނޫނީ އެކެއްގެ ނަމުގަ އެއް އެކައުންޓެއް، އެ އެކައުންޓުން އެހެން ބޭންކެއްގަ ހުންނަ ހަމަ އޭނާގެ އެކައުންޓަށް ދިއުން، އޭގެ ތެރޭގަ ކޮންސީލް ކުރުމެއް [އަސްލު އޮޅުވާލުމެއް] ނާދޭ. އޭގެ ތެރޭގަ ޓްރޭސް ނުކުރެވޭނެ ކަމެއް ނާދޭ. އެއީ ހުރިހާ މައުލޫމާތަކީ ސެންޓްރަލް ބޭންކަށް ދާ މައުލޫމާތު،" ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވަނީ --

ޔާމީނަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ އެމީހެއްގެ އަމިއްލަ ނަމުގައި އޮންނަ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރާއިރު ވެސް އަސްލު އޮޅުވާލެވޭނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ޔާމީންގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ވަންނަމުންދިޔައިރު އެޔާ އެއްކުރި އެހެން ފައިސާ އެވެ.

"މި މައްސަލައިގަ ހަމައެކަނި ޓްރާންސްފާ ކުރީއެއް ނޫނޭ، ފައިސާގެ އަދަދަށް، ކޮންމެ ޓްރާންސްފާއަކާ ގުޅިގެން ފައިސާގެ އަދަދަށް ބަދަލު އާދޭ. ހަގީގަތުގަ ރައީސް ޔާމީން ގެންގުޅުއްވި، ލޯންޑާ ކުރެއްވި އެއް މިލިއަން ޑޮލަރު، އެފައިސާތަކުގެ ތެރޭގަ ގެއްލުމުގެ ފުރުސަތު އެބައޮތް، އިއްޒަތްތެރި ފަނޑިޔާރުން، އެއް މިލިއަން ޑޮލަރާ އެކުވެގެން ހާހެއްހާ ޑޮލަރު އެއްކޮށްގެން ފުރަތަމަ ވެސް ޓްރާންސްފާ ކުރީ. އޭގެ ތެރެއަށް އަނެއްކާ ބީއެމްއެލްގަ ހުރި ފައިސާތަކެއް އެއްކޮށްގެން ޖަމާކޮށްގެން، މިހެން ގޮސް އިންވެސްޓްކޮށްގެން މިއުޅެނީ،" ޔާމީންގެ ވާހަކަ ދޮގުކުރައްވަމުން ޝަފީއު ވިދާޅުވި އެވެ.

ދައުލަތުން ވަރަށް ތަފްސީލުކޮށް މިއަދު ވަނީ މި ނުކުތާއާ ގުޅިގެން ވާހަކަ ދައްކާފަ އެވެ. މިއާއެކު މަނީލޯންޑަރިންގެ ކުށާ ގުޅިގެން ދައްކަން ހުރި ވާހަކަތައް ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން ބާއްވާ އެންމެ ފަހު އަޑުއެހުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.