ކަޅު ކަނޑުގެ ކޮމާންޑަރާއެކު ރަޝިޔާގެ 34 އޮފިސަރަކު މަރާލެވިއްޖެ: ޔުކްރޭން

ރަޝިޔާ އާއި ޔޫކްރޭނުން ބައެއް ފަހަރު ދުޝްމަނުންނަށް ދެވޭ ގެއްލުންތައް މާ ބޮޑަށް ބޮޑުކޮށް ދައްކާއިރު އަމިއްލަ ގެއްލުންތަކުގެ ވާހަކަ މާ ބޮޑުކޮށެއް ނުދައްކަ އެވެ.

ޔުކްރޭންގެ މިސައިލް ހަމަލާގައި މަރާލި ކަމަށް ބުނެފައިވާ ކަނޑުގެ ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ވިކްޓާ ސޮކޮލޮވް

ކްރައިމިއާގެ ސެވަސްޓޮޕޯލް ބަނދަރުގައި ރަޝިއާއިން ގާއިމް ކޮށްފައިވާ ކަޅު ކަނޑުގެ ފްލީޓްގެ މައި މަރުކަޒަށް ޔޫކްރޭނުން ދިން މިސައިލް ހަމަލާއެއްގައި ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ވިކްޓާ ސޮކޮލޮވް އާއި އިތުރު 33 އޮފިސަރަކު މަރުވެފައިވާ ކަމަށް ޔުކްރޭނުން ބުނެފި އެވެ. 

ޔޫކްރޭންގެ ސްޕެޝަލް ފޯސްތަކުން ބުނެފައިވާ ގޮތުގައި ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓްގެ ކޮމާންޑަރު އެޑްމިރަލް ވިކްޓާ ސޮކޮލޮވް އަކީ ރަޝިޔާގެ އެންމެ އިސް އެއް ނޭވީ އޮފިސަރު ކަމަށާއި އޭނާ މަރާލެވުމުން ކުރިއެރުންތައް ހޯދިއްޖެ ކަމަށެވެ. 

ސޮކޮލޮވް ބްލެކް ސީ ފްލީޓްގެ ކޮމާންޑަރަކަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ރަޝިޔާއިން ވެސް އެއާ ޑިފެންސް ޔުނިޓްތަކުން ބެލްބެކްގެ އަސްކަރީ އެއާފީލްޑް ކައިރިން ޔްކްރޭނުފެ މިސައިލެއް ވައްޓާލާފާ އެވެ. 

ނަމަވެސް ޔޫކްރޭނުން ބުނެފައި ވަނީ ހުކުރު ދުވަހު ސެވަސްޓޮޕޯލްގައި ހުންނަ ކަޅު ކަނޑުގެ ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާ އަމާޒު ކޮށްފައި ވަނީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ލީޑަޝިޕްގެ މުހިންމު ބައްދަލުވުމެއްގެ ތެރެއަށް ކަމަށެވެ. 

"ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓްގެ މައި މަރުކަޒަށް ދިން ހަމަލާއަށް ފަހު، ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓްގެ ކޮމާންޑަރު ހިމެނޭ ގޮތަށް 34 އޮފިސަރުން މަރުވި. އަދި އިތުރު 105 މީހުން ޒަހަމްވެފައިވޭ މައި މަރުކަޒުގެ އިމާރާތް އަލުން އާރާސްތެއް ނުކުރެވޭނެ،" ޔޫކްރޭންގެ ސްޕެޝަލް ފޯސަސް އިން ބުންޏެވެ.  

ޔޫކްރޭންގެ މިނިސްޓާ އޮފް އިންޓާނަލް އެފެއާޒްގެ އެޑްވައިޒަރު އެންޓަން ގެރަޝްޗެންކޯ މަރާލި އެޑްމިރަލްގެ ނަމާއި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. ސޮކޮލޯވް މަރާލި ކަމަށް ޔޫކްރޭނުން ބުނާ ބުނުމާ ގުޅޭ ގޮތުން ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އެއްވެސް ބަހެއް އަދި ނުބުނެ އެވެ. އެކަމަކު ހުކުރު ދުވަހު ދިން ހަމަލާއަށް ފަހު މޮސްކޯއިން ރިޕޯޓު ކޮށްފައިވާ ގޮތުން އެކަކު ވަނީ ގެއްލިފަ އެވެ. 

ރަޝިޔާ އާއި ޔޫކްރޭނުން ބައެއް ފަހަރު ދުޝްމަނުންނަށް ދެވޭ ގެއްލުންތައް މާ ބޮޑަށް ބޮޑުކޮށްލައިގެން ވާހަކަ ދައްކާއިރު އަމިއްލަ ގެއްލުންތަކުގެ ވާހަކަ މާ ބޮޑުކޮށެއް ދެ ގައުމުން ވެސް ނުދައްކަ އެވެ. 

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ތިންކް ޓެންކް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވާ (އައިއެސްޑަބްލިއު) އިން ބުނި ގޮތުގައި ޔޫކްރޭންގެ ހަމަލާތަކުގައި ސޮކޮލޮވް ނުވަތަ ރަޝިޔާގެ އެހެން މަތީ މަގާމުތަކުގައި ތިބި ކޮމާންޑަރުން މަރުވި ކަމުގެ ޔަގީންކަން އައިއެސްޑަބްލިއުއަކަށް އަދި ނެތެވެ. ނަމަވެސް އެ ރިޕޯޓްތަކަކީ ދޮގު ރިޕޯޓްތަކެއް ނަމަ ރަޝިޔާގެ ކޮމާންޑަށް ޔޫކްރޭންގެ ރިޕޯޓްތައް ފަސޭހައިން ދޮގު ކުރެވޭނެ އެވެ.

"ސޮކޮލޮވް އާއި ރަޝިޔާގެ އެހެން އޮފިސަރުން މަރުވެފައިވާ ނަމަ ރަޝިޔާގެ ކަޅު ކަނޑުގެ ފްލީޓުގެ ކޮމާންޑާއި ކޮންޓްރޯލަށް ބޮޑެތި ބުރޫތަކެއް އަންނާނެ،" އައިއެސްޑަބްލިއު އިން އިތުރަށް ބުނެފައިވެ އެވެ.

އައިއެސްޑަބްލިއު އިން ފާހަގަކުރި ގޮތުގައި ޔޫކްރޭންގެ ސްޕެޝަލް ފޯސްތަކުން މީގެ ކުރިން ސެވަސްޓޮޕޯލަށް ދިން މިސައިލް ހަމަލާއެއްގައި ރަޝިޔާގެ ލޭންޑިން ޝިޕް މިންސްކް އާއި ސަބްމެރިން އެއްގައި ޖެހުނު އިރު، އެ ހަމަލާގެ ތެރޭގައި ތިބި ރަޝިޔާގެ 62 އަސްކަރީ މުވައްޒަފުން މަރުވެފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.