ސަރުކާރުގައި ތިބި އެމްއާރްއެމަށް ނިސްބަތްވާ ބޭފުޅުންތަކެއް މުއިއްޒުގެ ފަހަތަށް

މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެއެވެ.

މުއިއްޒަށް ތާއީދު ކުރެއްވި އެމްއާރްއެމްގެ އިސް ބޭފުޅުން: މީގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ ބައެއް ބޭފުޅުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

އެ ބޭފުޅުންގެ ތާއީދު، މުއިއްޒަށް އޮތް ކަން ހާމަކޮށްފައި ވަނީ މިއަދު ގަލޮޅު ކަންމަތީ އޮތް ބައްދަލްވުމެއްގައެވެ. މުއިއްޒަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ހިމެނެއެވެ.

އެގޮތުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީފްއާ އަހްމަދު ޒިޔާމް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރުންގެ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި އަލީ ތޯއިފާއި އިސްމާއީލް ރައޫފު ވެސް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. މި ބޭފުޅުން އަދި ތިއްބެވީ އެ މަގާމުތަކުގައެވެ.

ހަޔާ އެޑިއުކޭޝަންގެ ނާއިބު ކަމުން ވަކިކުރެއްވި އިސްމާއީލް ޒަބީހުއާ އެމްއާރްއެމްގެ އެކްސްކޯ ގައި ކުރީން ހިމެނުނު ބައެއް ބޭފުޅުން ވެސް ވަނީ މުއިއްޒު އެންޑޯޒް ކުރައްވާފައެވެ. ޒަބީހު އަކީ ފާރިސް މައުމޫންގެ ކެމްޕެއިން އެޖެންޓް ވެސް މެ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްއާރްއެމްގެ ބައެއް ބޭފުޅުންގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަކޮށްފައިވާއިރު އެ ޕާޓީގެ ރަސްމީ ސްޓޭންޑަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ.

އެމްޑީޕީގެ ބައެއް އިސް މެންބަރުން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައި

ގަލޮޅު ކަންމައްޗަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ހާއްސަ ސަރަހައްދެކެވެ. ނަމަވެސް މިއަދު އެ ސަރަހައްދުގައި މުއިއްޒު ބޭއްވި ބައްދަލްވުމުގައި އެ ސަރަހައްދަށް ނިސްބަތްވާ އެމްޑީޕީގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ދުވަސްވީ ބައެއް މެންބަރުން ވަނީ މުއިއްޒަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ.

އޭގެ ތެރޭގައި އެމްޑީޕީގައި ވަރަށް ނަގާކިޔާ އެކްޓިވިސްޓުންނާއި މެންބަރުން ހިމެނެއެވެ. މުއިއްޒު ވަނީ އެ ސަރަހައްދުގައި ބޭއްވި ބައްދަލްވުމަށް ފަހު އާންމުންނާއި ބައްދަލުކޮށްފައެވެ. ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނާއި ބައްދަލުުކޮށް ވާހަކަ ދެއްކެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.