ކޮމިޝަނުން ލަފާ ކުރާނީ ވޯޓްލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރުމަށެވެ. އެ ލިސްޓަށް ދެން ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލެވޭ މީހުންގެ ލިސްޓް ފައިނަލު ކޮށް އާންމު ކުރަން ތައްޔާރު ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށެވެ. އަދި ސައްހަކަން ކަށަވަރު ނުވީ 11،284 ފޯމް ކަމަށެވެ. ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ވަނީ 48 ގަޑިއިރުގެ މުއްދަތެއް ޝަކުވާ ހުށައެޅުމަށް ދީފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި އެ މުއްދަތުގައި 361 ޝަކުވާއެއް ވަނީ ލިބިފައެވެ. މައިގަނޑު ޝަކުވާ ލިބުނީ ސައްހަ ކަން ކަށަވަރު ނުކުރެވުނު ހުށައެޅުންތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން އެމީހާއަށް ނޭންގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައަޅައިގެން ވެސް ބައެއް ޝަކުވާ ލިބުނު ކަމަށް ކޮމިޝަނުން ބުންޏެވެ. ނަމަވެސް އެއީ ވަރަށް މަދު ޝަކުވާއެއް ކަމަށެވެ.
ލިބުނު ޝަކުވާތަކަށް ޖަވާބުދެމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި ކޮމިޝަނުން ލަފާ ކުރާނީ ވޯޓްލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރުމަށާ އެ ލިސްޓަށް ދެން ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،803 މީހުންނެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. މި މަހުގެ ނުވަވަނަ ދުވަހު އޮތް އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެން ކަމުން އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރަށް ދެ ކެންޑިޑޭޓުން ދަނީ ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ.
ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި 101،000 ވުރެ ގިނަ ވޯޓް ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 85،000 ވުރެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.