ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯ އިން ބުނި ގޮތުގައި ފޭސް ތިނެއް ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ވަނީ ރަސްމީކޮށް ފެށިފައެވެ.
ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯ އިން ބުނި ގޮތުގައި ފޭސް ތިނެއް ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ވަނީ ރަސްމީކޮށް ފެށިފައެވެ. މި މަޝްރޫއު އަކީ މާލޭގެ ގިނަ ރައްޔިތުންތަކެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއުއެކެވެ.
ސަރުކާރުގެ ބޯހިޔާވަހިިކަމުގެ ސްކީމުގެ ދަށުން ހުޅުމާލެ ފަޅު ހިއްކައިގެން އަދި އެއްގަމުން 1300 ގޯތިދޭން ނިންމާފައިވެ އެވެ.
އާބަންކޯ އިން ބުނި ގޮތުގައި ހުޅުމާލޭ ގައި މިހާރު ތަރައްގީ ކުރެވެމުންދާ ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަގުތަކާއި ބްރިޖުތަކާއި ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ގޮތަށް ތަރައްގީ ކުރެވޭނެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން ކުޑަގިރި އާއި ތިލަފުއްޓާއި ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރު ވެސް ކުރިއަށް ގެންދާކަން އާބަންކޯ އިން ފާހަގަ ކުރެއެވެ. މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށް އާބަންކޯ އިން ބުންޏެވެ.
މި ސްކީމުން ދޭ ބިމުގެ ސައިޒުގެ ބޮޑުމިން 3.7 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ އަގުހުރި ބިމެވެ. މި ސްކީމުންދޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ލައިގެން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ބޮޑު ކުރުމުގެ ފުރުސަތު ދީފައި އޮވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަން ލައިފިނަމަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ އެވެ.