ވަޒީފާގެ ބިރު ދޫކޮށް ކެމްޕެއިނާ ގުޅެން މުއިއްޒުގެ ދައުވަތެއް

"ބާކީ މި ނުވަ ދުވަހު ވަޒީފާއިން ވަކިކުރިޔަސް އަނބުރާ ވަޒީފާ ދޭނަން. އެހެންވީމަ ދިވެހީންގެ ރާއްޖެއަށް ދާ ހިތްވާ ހުރިހާ ބޭފުޅުން ވަޒީފާގެ ބިރު ދޫކޮށްލައްވާ ބާކީ މި އޮތް ނުވަ ދުވަހު ކެމްޕެއިން ކުރައްވާ،"

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނަށް ވަޑައިގަތުން

ވަޒީފާގެ ބިރު ދޫކޮށް އިިދިކޮޅުގެެ ކެމްޕެއިނާއި ގުޅުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

މުއިއްޒު އެ ދައުވަތު ދެއްވީ ރ. ފައިނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ. އެ ރަށުގެ ބައެއް މީހުން މިއަދު ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ. ސޮއިކުރި ބައެއް މީހުން ސްޓޭޖުން ފޯމް ހަވާލު ނުކުރީ އެއީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާގައި ތިބި މީހުން ކަމަށް ވުމުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު އޮތުމުން ކަަމަށް ވަނީ ބުނެފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވަނީ އިންތިހާބަށް ދެން މި އޮތް ނުވަ ދުވަހު އެ ބިރު ފިލުވާލާ ކެމްޕެއިނަށް ނިކުތުމަށް ގޮވާލައްވާފައެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ހައްގެއް ކަމަށާ ވަޒީފާގެ ބިރު ދައްކާ އެ ހައްގު ނުހިފެހެއްޓޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވަނީ ކެމްޕެއިންގައި ބައިވެރިވުމުން ވަޒީފާ އިން ވަކިކުރާ އެންމެންނަށް ވަޒީފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އިންތިހާބަށް އުފެއްދި ވަޒީފާތައް ވެސް ދާއިމީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ބާކީ މި ނުވަ ދުވަހު ވަޒީފާއިން ވަކިކުރިޔަސް އަނބުރާ ވަޒީފާ ދޭނަން. އެހެންވީމަ ދިވެހީންގެ ރާއްޖެއަށް ދާ ހިތްވާ ހުރިހާ ބޭފުޅުން ވަޒީފާގެ ބިރު ދޫކޮށްލައްވާ ބާކީ މި އޮތް ނުވަ ދުވަހު ކެމްޕެއިން ކުރައްވާ،"

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރ. ފައިނުގައި ވާހަކަފުޅު ދައްކަވަނީ

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް ފިޔަވާ އެހެން ހުރިހާ ވަޒީފާއެއްގައި ތިބި އެންމެންގެ ވަޒީފާވެސް ރައްކާތެރިކޮށް ދޭނެ އެވެ. އަދި އެފަދަ ބިރު ދެއްކުން ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވެން ޖެހޭ ކަމަށާ ތަކުރާރުކޮށް އެހެން ވިދާޅުވަނީ އެކަންކަން ކުރައްވަން ބޭނުންފުޅުވާތީ އެވެ.

އަދި ވެރިކަން ލިބިވަޑައިގެންފިނަަ އެކަން ކުރައްވާފައި ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މީހުންނަށް ބިރު ދައްކާނެ މީހެއް. ލޯތްބާއި ކުލުނާ އޯގާތެރިކަމާ އެކީގައި ހިދުމަތް ދިނުމަށް އަޅުގަނޑު މި އަންނަނީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެސް މީހަކަށް ބިރު ދައްކާ އެއްވެސް މީހަކާ ދޭތެރޭ ބޭއިންސާފުން ކަންކުރުމެއް ނޯންނާނެ. އެކަމެއް ނުކުރާނަން،"

މުއިއްޒު ވިދާޅުވީ ވަޒީފާގެ ޔަގީންކަން ދެއްވާނެ ވާހަކަ ވިދާޅުވާން ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ކަމަށާ އެކަމުން ހާމަވަނީ މި ސަރުކާރުން ވަޒީފާގެ ބިރު ދައްކާ މިންވަރު ކަމަށެވެ. މި ސަރުކާރުން ބޭނުންވަނީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ބިރު ދައްކަން ކަަމަށް ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވެއްޖެނަމަ ފެށިފައި ހުރި މަޝްރޫއުތައް ހުއްޓި ރާއްޖެ ބަނގުރޫޓްވެ މިނިވަންކަން ގެއްލި އިގްތިސާދު ހަލާކު ވާނެ ކަަމަށް ބުނަނީ ވެސް ބިރު ދައްކަން ކަަމަށް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ކެމްޕެއިނަށް ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް ފެންނަނީ މަސައްކަތްތައް ފެށުމަށް ފަހު ހުއްޓިފައިވާ މަންޒަރެވެ. މަދު ރަށެއްގައި ހިންގާ ކަންކަން ވެސް ހިނގީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.