އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ފާރިސް ނިންމަވައިފި

ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތައް ހިނގަމުންދާ ގޮތަށް ބަލާއިރު ސަރުކާރު ހިންގާއިރު މެމްބަރުންގެ މަސްލަހަތު އިސްކުރުމަށް ޕާޓީތަކުގެ މެމްބަރުން އުންމީދު ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން -- މި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ނިންމަވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އޭނާގެ ޓީމުން ހުށަހެޅި ކަންކަމާ ގާތްކުރާ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އޭނާއަށް ފުރަތަމަ ބުރުގައި މާ ބޮޑު ތާއީދެއް ނުލިބޭ ކަމަށާއި އެކަމަކު ތާއީދު ކުރި މީހުންގެ ހިޔާލު ހޯދުމުން އެމީހުންގެ ވިސްނުން ހުރީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރާ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގަ އަޅުގަނޑުމެންގެ ގައުމަށް މި ގެންނަން ޖެހޭ އިސްލާހުތަކަކީ މުޅި ސިސްޓަމަށް ގެންނަން ޖެހޭ އިސްލާހުތަކެއް. މިކަންކަން ހާސިލް ކުރުމަށްޓަކައި ސީދާ މިހާރު އުފެދިފަ ހިނގަމުންދާ ބޮޑު ސިޔާސީ ޕާޓީގެ ތެރެއިން ނިކުމެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ނޫނީ އިންތިހާބުވާ ރައީސްއަކަށް ކުރައްވަން ދަތިފުޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތައް ހިނގަމުންދާ ގޮތަށް ބަލާއިރު ސަރުކާރު ހިންގާއިރު މެމްބަރުންގެ މަސްލަހަތު އިސްކުރުމަށް ޕާޓީތަކުގެ މެމްބަރުން އުންމީދު ކުރަމުންދާ ކަމަށެވެ. ޕާޓީތައް ފަނޑު ކުރަމުންދާ ގޮތުން އާންމު ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ބައެއް މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންކަމުން އޭނާގެ ޓީމުން ގެންނަން ބޭނުންވާފަދަ އިސްލާހީ ބަދަލުތައް އެފަދަ ބޮޑެތި ޕާޓީތައް މެދުވެރިކޮށް ނުގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ދެވަނަ ބުރުގައި އެއްވެސް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށް ނިންމަވާފައިވާ ކަމަށެވެ.

އޭނާގެ މެނިފެސްޓޯއާ ހުށަހެޅުންތަކަށް ބޮޑު ތާއީދެއް ލިބެމުންދާ ކަމަށާއި އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާން ބޭނުންވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާނެ ކަމަށް ވެސް އިއުލާނު ކުރެއްވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް 2،993 ވޯޓް ލިބިވަޑައިގެންފައިވެ އެވެ. ފާރިސްގެ ތާއީދު ހޯއްދެވުމަށް ދެވަނަ ބުރަށް ވަޑައިގަތް ދެ ކެންޑިޑޭޓުން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ފާރިސް ނިންމެވިިއިރު، ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވެސް ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމަވާފަ އެވެ.

ކޮމެންޓް

1
450
ފުޅު
7 months ago

ފާރިސްގެ ތާއީދެއް އެހާމުހިއްމެއްނޫން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.