މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދެއްވަން ނިންމާފައިވާ ކަން ރައީސް ވަނީ މިރޭ އިއުލާނު ކުރައްވާފަ އެވެ.
މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެވަޑައިގެންފި އެވެ.
ރައީސް އެ ވައުދުވެވަޑައިގެންނެވީ ގަލޮޅުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރު ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މާލޭގެ 18،000 ރަައްޔިތަކަށް ގޯތި ދޫކޮށްފައިވާ ކަމަށާ 13،000 ވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކި ސަބަބުތަކާއި ގުޅިގެން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ އެތައް ބަޔަކު ވަރަށް ދަތީގައި މާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. މާލޭގައި ދިރިއުޅޭތީ ރަށުން ވެސް އެ މީހުންނަށް ގޯތި ނުލިބޭ ކަމަށާ މާލޭގައި ވެސް ދިރިއުޅެން ޖެހިފައިވަނީ ބޮޑު ކުލީގައި ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވެސް މާލޭގައި ދިރިއުޅޭތާ 50 އަހަރު ވާން ކައިރިވެފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މާލޭގައި ގިނަ ދުވަހު އުޅެފައިވާ މީހުން ގޮތްތަކެއް ހޯދާ ދިނުމަށް ސިޔާސަތުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދެއްވަން ނިންމާފައިވާ ކަން އިއުލާނު ކުރެއްވި އެވެ. މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާކަން ކަށަވަރުކޮށްދޭ ދޭ ކޮންމެ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ދެތީން ދުވަހު އެކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ވަރަށް އަވަހަށް އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މާލޭ ރައްޔިތުންނާއި މާލެއަށް ހިޖުރުކޮށްފައިވާ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ ގެނެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވިނަރެސް ފްލެޓާއި ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ އަގު ވެސް ހެޔޮ ކޮށްދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުންފުނިތަކުގެ ފްލެޓްތަކުގެ އަގު ބޮޑު ކަން ފާހަގަކޮށް މުވައްޒިފުން އެމަނިކުފާނާއި ބައްދަލު ކުރަމުން ގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެސް ދެވޭން އޮތް ހެޔޮ ބަދަލެއް ގެނެސް ދެއްވާނެ ކަމަށެވެ.
އެއްވެސް ރައްޔިތަކު މާޔޫސް ނުވުމަށް އެދިވަޑައިގެން ރައީސް ވަނީ އެ ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަސްޓަމާއި ޔުނިވާސިޓީއާ ކަރެކްޝަންގެ މުވައްޒިފުންނަށް ފްލެޓް ދިނުމަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒިފުންނަށް ފްލެޓްދޭން ލިޔުން ހަވާލު ކުރަން ފަށާފައިވާ ކަމަށާ ޔުނިވާސިޓީއާ ކަރެކްޝަންގެ މުވައްޒިފުންނަށް ފްލެޓް ދޭން ލިޔުން ހަވާލު ކުރާނެ ކަމަށެވެ.
ރައީސް މިރޭ ވެސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާ އެކު ކަމަށެވެ. އެކަން ކާމިޔާބު ނުވީ ޕާޓީތަކުން ވަކިވަކީން ނިކުމެ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް އޮތީ ދެވަނަ ބުރަކަށް ވެސް ތައްޔާރު ވެގެން ކަމަށާ ދެވަަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ދެވަނަ ހާފަށް އަޅުގަނޑުމެން މި ނިކުންނަނީ މާ ގަދަކޮށް. މާ ގަދަކޮށް،" ރައީސް ވިދާޅުވި އެވެ.
ހަމަ ހުވައި ތަ. އެހެންވީރު އައި ގެ ވޯޓް އިބޫ އަށް. ގެރޭ
މާތް ކަލާކޯ! ކިހިނެއްބާ ދޭނީ އެހާ ގިނަ ގޯތި އަދި ފްލެޓް. ތިޔައީ ތެދަކަށް ވާނަމަ ވަރަށް އުފާވެރި . އަވަހަ އިއުލާނު ކުރަން އުޅޭ