ނަޝީދު އެދިވަޑައިގެންފައި ވަނީ މި މަސައްކަތުގައި ހުރިހާ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތުމަށެވެ. މި ގަރާރުގެ މަސައްކަތް ނުނިމެނިސް މަޖިލީސް ނުނިންމާ ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
މި ދައުރު ނިމުމުގެ ކުރީން ނިޒާމީ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން އަމަލުކުރައްވަމުން ގެންދަވާ ގޮތުން ފެންނަނީ އިދިކޮޅު މަންޒަރެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ގަރާރު ހުށަހަޅުއްވައިދެއްވާފަ އެވެ.
އޭގެ ކުރިން ނަޝީދު ވިދާޅުވީ ރޭ ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްވެވަޑައިގަންނަވާފައިވާ ކަމަށެވެ. އެކަމަކު މިއަދު ހެނދުނު ޖަލްސާ ފެށިއިރު ތަޅުމުގައި ތިއްބެވީ އެމްޑީޕީގެ ދެތިން މެމްބަރުން ކަމަށެވެ.
"އަޅުގަނޑު ރޭގަ ދުށިން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކޮށްފަ ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ، ނިޒާމީ ވޯޓާ ގުޅޭ ގޮތުން ހުށަހެޅިފައި އެބަ އޮތްކަމާ އަދި، އެކަން ކުރިއަށްދާނެ ކަމަށް އެބޭފުޅާ އެއްބަސްވެވަޑައިގެންފައިވާކަމަށް. އެހެންނަމަވެސް މިއަދު ހެނދުނު އަޅުގަނޑުމެންނަށް މިފެނުނީ އެބޭފުޅާގެ ޕާޓީގެ ވަރަށް މަދު އިއްޒަތްތެރި މެމްބަރުން ފިޔަވާ އެހެން އެއްވެސް އިއްޒަތްތެރި މެމްބަރަކު ވަޑައިނުގަންނަވާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެދިވަޑައިގެންފައި ވަނީ މި މަސައްކަތުގައި ހުރިހާ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތުމަށެވެ. މި ގަރާރުގެ މަސައްކަތް ނުނިމެނިސް މަޖިލީސް ނުނިންމާ ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން، މައްސަލައިގެ ބަހުސް ނިންމާލުމަށްފަހު، މުޅި މަޖިލީހުގެ ކޮމެޓީއަށް މައްސަލަ ގެންދިއުމަށްފަހު، އެ މަސައްކަތް ނިންމާލުމަށްފަހު އަލުން ތަޅުމަށް ހުށަހެޅި މައްސަލައިގެ ވޯޓަށް އައްސަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ރޭ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު މި ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސް ކަމަށެވެ. ނަޝީދު ބޮޑަށް ބާރު އަޅުއްވަނީ ނިޒާމީ ވޯޓް ނެންގެވުމަށް ކަމަށާ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ މި މަހުގެ 25 ގައި އެ ވޯޓް ނެންގެވުން ކަމަށެވެ.
ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށާއި، ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ޑިމޮކްރެޓުން މިހާރު މަޖިިލީހަށް ހުށަައަޅާފައިވާ ގަރާރު ފާސްކޮށް އެމަނިކުފާނުގެ އަރިހަށް ފޮނުއްވުމުން ނޮވެންބަރު 17 ގެ ކުރީން އެ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އިއްޔެ އާއި މިއަދު ގިނަ އެމްޑީޕީ މެމްބަރުންތަކެއް ވަނީ މަޖިލީސް ބައިކޮޓް ކޮށްފަ އެވެ. މެމްބަރުން މަޖިލީހަށް ހާޒިރުވި ނަމަވެސް ޖަލްސާއަށް ވަޑައިގެންފައި ނުވަނީ އެޖެންޑާކޮށްފައިވާ މަސައްކަތްތަކާމެދު ހިތްހަމަ ނުޖެހިގެންނެވެ،