ނަޝީދަށް އިންސާފު ހޯދައިދޭނަން: މުއިއްޒު

މުއިއްޒުގެ ވާހަކަފުޅުގައި މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އިންސާފު ލިބިފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ -- ފަރީދީ މަގުގައި އޮތް ކަންމަތީ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއް ވެގެން ދާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އިންސާފު ގާއިމު ކޮށްދޭނެ ސަރުކާރަކަށް ކަމަށެވެ. އެކަމަށް ހުރިހާ ގޮތަކުން ފުރުސަތު ފަހި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މުއިއްޒު ސިފަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރު ވެގެން ދާނީ އިންސާފުވެރިކަމާއެކު ކަންކަން ބައްޓަން ކުރާ އެކަމަށް ތަރުހީބު ދޭ އިންސާފުގެ ޗެންޕިއަން ސަރުކާރަކަށެވެ.

މުއިއްޒުގެ ވާހަކަފުޅުގައި މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އިންސާފު ލިބިފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެމަނިކުފާނަށް އިންސާފު ހޯދާ ދިނުމުގައި މި ސަރުކާރު ފެއިލް ވެފައިވާ ކަމަށާ އިންސާފު ގާއިމު ކޮށް ނުދެވުނު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ރައީސް ނަޝީދަށް ވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމަނިކުފާނަށް [ރައީސް ނަޝީދަށް] އިންސާފު ހޯދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާގެ ހުލާސާ -- މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ އެމަނިކުފާނު ރޭގަނޑު އިވެންޓަކަށް ވަޑައިގަންނަވަނިކޮށެވެ. ރިމޯޓުން އައިއީޑީ ގޮއްވާލި އަދުހަމް ފިލާހުރީ ނީލޯފަރުގޯޅީގެ ކުރިމަތިން ހުރި އަތަމާ ޕެލެސްތެރޭގަ އެވެ. ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް ދެކި އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން އެމީހުން ދިޔައީ ރާއްވަމުންނެވެ.

އަދި 2020 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށައިފައިވެ އެވެ. މެއި ހައެއްގެ ހަމަލާއަކީ އެގޮތުން މަަސައްކަތް ކުރި ތިންވަނަ ފަހަރު އެވެ. ފުރަތަމަ ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ މ. ޔާގޫތުގެ ކައިރީ ސައިކަލު ބަހައްޓައިގެންނެވެ. ދެވަނަ ފަހަރަށް އެމީހުން ރޭވީ ރައީސް ނަޝީދު ކަސްރަތަށް ވަޑައިގަންނަވާ ވަގުތު ހަމަލާ ދިނުމަށެވެ. އެގޮތުން މެރީބްރައުން ކައިރީ އޮންނަ ޕާކިން ޒޯންގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދޭން މަސައްކަތް ކޮށްފައިވެ އެވެ.

ނަޝީދުގެ ލޭ ހުއް ދަކަމަށް އެމީހުން ދެކެނީ އެމަނިކުފާނުގެ އަމިއްލަ ހިޔާލާއި ސިޔާސީ ހިލާތުތަކަށް ރިއާޔަތްކޮށްގެން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ބޮން ގޮއްވާލި އަދުހަމް ވަނީ ކުށަށް އިއުތިރާފުވުމުން 23 އަހަރަށް ޖަލަށް ލާފަ އެވެ.

ކޮމެންޓް

1
450
ޔޫއްޓެ
10 months ago

ހައްހައްހާ! ވޯޓް ބޭނުންވީމަ އުޅުއްވާގޮތް ދެއްތޯ، ކުއްލިއަކަށް އަންނި އަށް ހެޔޮއެދިގެން ތިއުޅުއްވަނީ ވޯޓް ބޭނުންވެގެން. އެމީހަކު ބޭނުން ވާ ކަމެއް ހާސިލް ކުރުމަށް ކޮންމެފަދަ ލެވެލް އަކަށްވެސް ވެއްޓިދާނެ ކަން މިއަދު މި ފެންނަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.