ނަޝީދާާ މާ ދުރުގައި ހުރި ކަމެއް ފާހަގައެއް ނުވޭ: ރައީސް

"ދެން އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްކޮށްފައި މި ވާހަކަ ދެއްކީ. ދެން އަނެއްހެން އަޅުގަނޑަކަށް ނުފެނޭ މާ ދުރުގައި ތިބި ތަނެއް ވާހަކަ ދެއްކުމަކުން. ހަމަ ކުރިއެކޭ އެއްގޮތަށް ފުރަތަމަ ވެސް ފަށައިގަނެވުނު ވާހަކަ ދައްކަން،"

ރައީސް ސޯލިހް ނޫސްވެރީންނާއި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިއްްޔެ ފޯނުން މަޝްވަރާ ކުރެއްވި ކަމަށާ ކިތަންމެ ގިނަ ދުވަސް ކޮށްފައި ވާހަކަ ދެއްކެވި ނަމަވެސް މާ ދުރުގައި ދެ ބޭފުޅުންނަށް ތިއްބެވުނު ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ވަރަށް އެކުވެރި ދެ ބޭފުޅުންނެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެކި މައްސަލަތަކުގައި ދެ ބޭފުޅުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތުވެ އެންމެ ފަހުން ދެ ބޭފުޅުންގެ ގުޅީން ކެނޑިގެން ދިޔައެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އެމަނިކުފާނުގެ ވަފާތެރި މެންބަރުންނާއެކު ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް ވެސް އުފައްދަވާފައެވެ. ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ ނަޝީދު ވަނީ ޑިމޮކްރެޓުންގެ ފަރާތުން ކެންޑިޑޭޓެއް ވެސް ނެރުއްވާފައެވެ. އަދި މި ފަހަކާ ޖެހެން ދެން ނަޝީދާއި ޑިމޮކްރެޓުން ގެންދިޔައީ ރައީސް ސޯލިހްގެ ފަހަތަށް ވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމުގެ ކުރީން ރައީސް ނަޝީދު އިއްޔެ ވަނީ ރައީސް ސޯލިހާއެކު ފޯނުން މަޝްވަރާތަކެއް ކުރައްވާފައެވެ. އެ މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ސޯލިހް މިއަދު ވަނީ ބައެއް ތަފްސީލު ހިއްސާ ކުރައްވާފައެވެ.

ފޯނުން ކުރެއްވި މަޝްވަރާތަކާއެކު ދެ ރައީސުްގެ ގުޅުން ދެން އިތުރަށް ރަނގަޅު ވެދާނެތޯ ސުވާލު ކުރުމުން ރައިސް ވަނީ ދެ ބޭފުޅުންނަށް މާދުރުގައި ތިއްބެވުނު ކަން ވާހަކަ ދެއްކުމުން އިހުސާސްވެވަޑައިނުގަންނަވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްކޮށްފައި މި ވާހަކަ ދެއްކީ. ދެން އަނެއްހެން އަޅުގަނޑަކަށް ނުފެނޭ މާ ދުރުގައި ތިބި ތަނެއް ވާހަކަ ދެއްކުމަކުން. ހަމަ ކުރިއެކޭ އެއްގޮތަށް ފުރަތަމަ ވެސް ފަށައިގަނެވުނު ވާހަކަ ދައްކަން،"

ރައީސް ވިދާޅުވި ގޮތުގައި ދެ ބޭފުޅުންގެ މެދުގައި އޮތީ ޒާތީ މައްސަލައެއް ނޫނެވެ. އެއީ ސިޔާސީ ހިޔާލުތަފާތުވުމެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިއްޔެ ވާހަކަ ދެކެވުނީ މުޅީން ނިޒާމީ ވޯޓާއި ގުޅޭގޮތުން ކަމަށެވެ. 

"މި އުޅެނީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްތާ ދެއްތޯ،" ދެ ރައީސުންގެ ގުޅުން ކެނޑުނު ސަބަބާއި ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ސުދޫ
1 year ago

ރައީސް ނަޝީދަކީ ދުޝްމަނުންނާ ވެސް އެކުވެރި ކޮށް ވާހަކަ ދައްކާ ހިތް ހެޔޮ ބޭފުޅެއް. ރ ނަޝީދު ގެ ސަޅި ކަން އެއި އޭނާ މަރާލަން ބޮންގޮއްވި ކަމުގެ ތުހުމަތު އޮތް މީހުންނާވެސް ހީލާފަ ވާހަކަ ދެއްކުން. ނޯ ވަން އިޒް ލައިކް އަންނި.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.