ނޮވެންބަރު 17ގެ ކުރީން ނިޒާމީ ވޯޓް ނަގަން ރައީސް އެއްބަސް

ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ޑިމޮކްރެޓުން މިހާރު މަޖިިލީހަށް ހުށަައަޅާފައިވާ ގަރާރު ފާސްކޮށް އެމަނިކުފާނުގެ އަރިހަށް ފޮނުއްވުމުން ނޮވެންބަރު 17 ގެ ކުރީން އެ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވަނީ

މި ދައުރު ނިމުމުގެ ކުރީން ނިޒާމީ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއްބަސްވެވަޑައިގެންފި އެވެ.

އެމަނިކުފާނު ވަނީ އެކަން ޔަގީން ކޮށްދެއްވާފައެވެ. އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ ގިނަ ދުވަސްތަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އިއްޔެ ފޯނުން ކުރެއްވި މަޝްވަރާތަކަކަށް ފަހު އެވެ.

މާލޭގެ ހެންވޭރުގައި ދޮރުން ދޮރަށް ހިންގުމަށް މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހަރަކާތަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ނަޝީދާއެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ދެއްވާފައެވެ. ރައީސް ވިދާޅުވީ ނަޝީދު ބޮޑަށް ބާރު އަޅުއްވަނީ ނިޒާމީ ވޯޓް ނެންގެވުމަށް ކަމަށާ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ މި މަހުގެ 25 ގައި އެ ވޯޓް ނެންގެވުން ކަމަށެވެ.

ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ޑިމޮކްރެޓުން މިހާރު މަޖިިލީހަށް ހުށަައަޅާފައިވާ ގަރާރު ފާސްކޮށް އެމަނިކުފާނުގެ އަރިހަށް ފޮނުއްވުމުން ނޮވެންބަރު 17 ގެ ކުރީން އެ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށައެޅުއްވުން ޑިމޮކްރެޓުންނަށް ހުށައަޅުއްވާފައިވާނެ ކަމަށާ އެކަމާމެދު އަދި ވަކި ޖަވާބެއް ނުދެއްވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގޮތް ނިންމަން ޑިމޮކްރެޓުންގެ ކައުންސިލް މިރޭ އެއްވާ ކަން އެނގިވަޑައިގެންފައިވާ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން އެއީ ރީޒަނަބަލް ޕްރޮޕޯސަލެއް ކަމަށް އަޅުގަނޑު ދެކެނީ،"

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ވަޑައިގެންފިނަމަ ތާއީދު ކުޑަވާނެ ކަމަށް ބައެއް މީހުން ދެކޭތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ޑިމޮކްރެޓުންނަށް ފުރަތަމަ ބުރުގައި ލިބުނު ގިނަ ވޯޓް ނަޝީދާއި އެމަނިކުފާނުގެ ޓީމު ގުޅިވަޑައިގެންފިނަމަ ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ބޭފުޅުންގެ އެބައޮތް 15،000 ވޯޓެއް ދެއްތޯ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އޭގެ ބޮޑު ބައެއް އަންނާނެ ރައީސް ނަޝީދާ ޓީމާ އެކުގައި،"

ރައީސް މިއަދު ވިދާޅުވީ އިއްޔެ ނަޝީދާއެކު ކުރެވުނު މަޝްވަރާއަކީ އެތައް ދުވަހެއްގެ ފަހުން ދެ ބޭފުޅުންނަށް ކުރިއަށް ގެންދެވުނު މަޝްވަރާއެއް ކަމަށެވެ. ނަމަވެސް މާބޮޑު ދުރު ކަމެއް ފާހަގަ ނުކުރެއްވުނު ކަމަށެވެ.

"މި އުޅެނީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްތާ ދެއްތޯ،" ނަޝީދާ ގުޅުން ކެނޑުނު ސަބަބާއި ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.