"ކޮންޓްރޯލް އޮންނަ އެމްޑީޕީން އަނެއްކާ މަޖިލީސް ހުއްޓުވުމަކީ ދެރަކަމެއް"

ނަޝީދު ވިދާޅުވީ މަޖިލީހުގެ ހާޒިރީ ފޮތުގައި ސޮއިކޮށްފައިވާ ގިނަ މެމްބަރުންތަކެއް ޖަލްސާއަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އެ 14 މެމްބަރުންގެ ނަންތައް ވެސް އިއުލާނު ކުރެއްވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން އަނެއްކާ ވެސް މަޖިލީސް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަކު އެއްވެސް މީހަކަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ޖަލްސާ ފެއްޓެވޭތޯ އެވެ. އެކަމަކު ކޯރަމް ހަމަނުވާތީ ޖަލްސާ ފެށުން ވަނީ އެކި ފަހަރު މަތީން ލަސްވެ ކުރިޔަށް ނުގެންދެވިފަ އެވެ.

އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ހާޒިރުވި ނަމަވެސް ތަޅުމަށް ވަޑައިނުގެން ތިއްބެވީ މަޖިލީހުގެ ކުޑަ ދަށުގަ އެވެ. އެ މެމްބަރުން ތަޅުމަށް ހާޒިރު ނުވަން ތިއްބެވީ އެޖެންޑާއާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނެވެ. އެޖެންޑާގައި އޮތީ ސަރުކާރަށް ފާޑުކިޔަން އިދިކޮޅު ހުށަހަޅާފައިވާ ގަރާރުތަކެއް ކަމަށް ވާތީ ކަމަށް މެމްބަރުން ވަނީ ބުނެފަ އެވެ. 

ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ހުއްޓުވައިގެން އެއްވެސް ފަރާތަކަށް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން އެހެން މައްސަލަތަކެއްގައި މަޖިލީސް ހުއްޓުވައިގެން އުޅުމަށްފަހު އަނެއްކާ ވެސް މަޖިލީސް ހުއްޓުވަން އެމްޑީޕީ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި މީގެ ކުރީގައި އޮތީ ކޮމެޓީތައް ހަމަނުޖެހިގެން ކަމަށް ވެފައި އޮވެގެން. ދެން ހަމަ އެއާއެކުގަ މަޖިލީހުގެ ރައީސްއާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހަޅާފައި އޮތަތީ. ދެން މިހާރު މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ މައްސަލަ އަނބުރާ ނެގުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނީ މަޖިލީސް ހުއްޓުވާފަ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ހާޒިރީ ފޮތުގައި ސޮއި ކުރައްށްފައިވާ ގިނަ މެމްބަރުންތަކެއް ޖަލްސާއަށް ވަދެ ވަޑައިގެންފައި ނުވާ ކަމަށެވެ. އެ 14 މެމްބަރުންގެ ނަންތައް ވެސް އިއުލާނު ކުރެއްވި އެވެ. އެ މެމްބަރުންނަކީ:

  • 1.މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • 2.ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • 3.ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • 4.ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
  • 5.އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން
  • 6.ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
  • 7.ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
  • 8.ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
  • 9.ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްގަފޫރް މޫސާ
  • 10.ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
  • 11.އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު
  • 12.ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
  • 13.ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
  • 14.ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ މަސްއޫލިއްޔަތު އަދާކުރެއްވުމަކީ ބޭނުންތެރި ކަމެއް. އެބޭފުޅުން މާތް ރަސްކަލާންގެ ގަންދީ ހުވާކޮށްގެން އެތިއްބެވީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް އެޖެންޑާ ނުކުރެވިގެން އުޅޭ ސަބަބު ވެސް ވިދާޅުވެފަ އެވެ. އެގޮތުން މުހިންމު ބިލުތަކެއް މިމަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު ފުރަތަމަ ކިޔުމަށްފަހު ގަވާއިދުގައި ބުނާ ގޮތުން އެޖެންޑާ ކުރެވެން އޮތީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެބިލްތައް އަވަސް ކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ބުހައްމަދު އަސްލަމް އެދިވަޑައިގެންފައި ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.

ޖަލްސާ މެދުކަނޑައިލަމުން ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު 12:00 ގައި އަދި 1:00 ގައިވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

1
450
ޒުލޭ
10 months ago

ބޮޑު މުސާރަ ނަގައިގެން އުޅޭގޮތް ފެނެއެއްނު. އަޅެ ހަލާލް ވާނެތަ އެއިން ލާރި އެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.