ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން ފުލުހާއި ސިފައިންނާއި ޑިޒާސްޓާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މާލެ އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދާ މާދަމާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އިން ވަނީ ލަފާ ކޮށްފަ އެވެ. ދެކުނާއި މެދު އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކޮށްފައި ވަނީ ހަ ފޫޓާއި ދެމެދުގަ އެވެ. އަދި އުތުރު އަތޮޅުތަކަށް ނިސްބަތްވާ ކަނޑުތަކުގައި ފަސް ފޫޓާ ދެމެދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓު އޮފީހުން މައުލޫމާތުދެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ވެސް މެޓްގެ ފޯކާސްޓްގައި ދައްކަ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން ފުލުހާއި ސިފައިންނާއި ޑިޒާސްޓާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.