"އަޅުގަނޑަށް ފެންނަ ގޮތުގައި އެޖެންޑާގައި އެއްވެސް މައްސަލައެއް ނެތް. އެޖެންޑާ މިއޮތީ އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިން މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެކުލަވާލެވިފައި،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަ ނުޖެހިގެން ގިނަ އެމްޑީޕީ މެމްބަރުން ޖަލްސާއަށް ނުވަންނަން ނިންމައިފި އެވެ.
މިއަދުގެ ޖަލްސާ ފެށޭތޯ ގަޑިއަކަށްވުރެ ގިނަ ވަގުތު ވަނީ މަޑުކޮށްފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ފަހަރެއްގެ މަތިން ޖަލްސާ ފެއްޓެވޭތޯ މަސައްކަތް ކުރެއްވި ނަމަވެސް އެމްޑީޕީ މެމްބަރުން ތަޅުމަށް ނުވަދެ ތިބުމުގެ ސަބަބުން ކޯރަމް ހަމައެއް ނުވެ އެވެ.
މެމްބަރުން ޖަލްސާއަށް ނުވަދެ ތިއްބެވީ މަޖިލީސް ކުޑަ ދަށުގަ އެވެ. މެމްބަރުން ޖަލްސާއަށް ވަންނަން ދެކޮޅު ހަދަމުން ދަނީ އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެންނެވެ. އެޖެންޑާގައި ވަނީ ސަރުކާރަށް ފާޑުކިޔައި އިދިކޮޅު މެމްބަރުން ހުށަހަޅާފައިވާ ގިނަ ފަރާރިތަކެއްގެ އިތުރުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތަކެއްގެ މަސައްކަތެވެ.
މިއަދުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ޗާގޯސް މައްސަލައާ ގުޅުން ހުރި ގަރާރެކެވެ. ނަޝީދު ވިދާޅުވީ މިއީ މޭ 22، 2023 ގައި ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި، މިހާ ދުވަސްވެފައިވާތީ މި ގަރާރު ތަޅުމަށް ގެންނަން ޖެހިފައިވާ ކަމަށެވެ.
ދެން އެޖެންޑާގައި ވަނީ އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ އަވަސް ކުރުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ. އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހަޅުއްވާފައިވާ ގަރާރެއްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ގަރާރުގެ މަސައްކަތް ހިމެނެ އެވެ.
މި ތަފްސީލުތައް ވިދާޅުވެދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ އެޖެންޑާގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިއީ މުހިންމު މަސައްކަތްތަކެއްކަން ވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި އެޖެންޑާގައި އެއްވެސް މައްސަލައެއް ނެތް. އެޖެންޑާ މިއޮތީ އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިން މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެކުލަވާލެވިފައި،" ނަޝީދު ވިދާޅުވި އެވެ.
ކޯރަމް ހަމަނުވުމުން ނަޝީދު ވަނީ ސައިގެ ވަގުތަށް މެދުކަނޑާލައިފަ އެވެ. މިއަދު 11:00 ގައި އަނެއްކާވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.