"އަޅުގަނޑުމެން ވާން ޖެހޭނެ އަމަލާ ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ އަޅުގަނޑުމެންނާ ދިމާއަށް އެއްޗެއް ބުނީ ނޫނިއްޔާ ރުޅިއަންނަ ކަހަލަ ކަމެއް ކުރީ، އެހެން ނަމަވެސް އަޅުގަނޑުމެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް"
ވާދަވެރީންނަށް ރައްދު ދިނުމަށް އެ މީހުން ފަދައިން ދަށު ދަރަޖައަށް ނުވެއްޓުމަށް ސަޕޯޓަރުންނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ އަތޮޅު ފުނަދޫއަށް މިރޭ ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ. މުއިއްޒު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތާމެދު ހުރިހާ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. ދިވެހީންގެ މެދުގައި ކުރީން އޮތް އަހްލާގީ ރީތި ސިފަތައް މިއަދު ގެއްލިގެން ގޮސްފައިވާ ކަމަށާ އެކަންކަން ގެއްލިގެން ދިޔައީ ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހަމަޖެހުމުގެ ނޭވާއެއް ލެވެން އޮތީ މިހާރު އޮތް ހާލަތު ބަދަލުކޮށްގެން ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެދިވަޑައިގަތީ ވާދަވެރީންނަށް ރައްދު ދިނުމުގައި ދަށު ދަރަޖައަށް ނުވެއްޓުމަށެވެ.
"އަޅުގަނޑުމެން ވާން ޖެހޭނެ އަމަލާ ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ އަޅުގަނޑުމެންނާ ދިމާއަށް އެއްޗެއް ބުނީ ނޫނިއްޔާ ރުޅިއަންނަ ކަހަލަ ކަމެއް ކުރީ، އެހެން ނަމަވެސް އަޅުގަނޑުމެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް. އެއަށް ވުރެ ރީތި ގޮތުގައި އަޅުގަނޑުމެން ފަރާތުން މިސާލު ދައްކަން ޖެހޭނީ،"
މުއިއްޒު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހިތްހަމަނުޖެހޭ ކަންކަމާއި ކުރިމަތިވާނެ ކަމަށާ ވާދަވެރީން އެކި ގޮތްގޮތުން އެކި ކަންކަން ކުރާނެ ކަމަށެވެ. ނަމަވެސް އެކަންކަމަށް ރީތި ގޮތުގައި ކުރިމަތި ލުމަށް އެދިވަޑައިގަތެވެ.
މުއިއްޒު އެދިވަޑަައިގަތީ އެކަކު އަނެކަކަށް އިހްތިރާމު ކުރާ ބަޔަކަށް ވުމަށެވެ. މައިންބަފައިންނާއި އިހްތިރާމު ކުރުމަށާ ދޮށީ އުމުރުގެ މީހުންނަށް ހައްގު އިހްތިރާމް ދިނުމަށެވެ.
"ގައުމަކަށް އެ ގައުމު ނުވާނެ އެ ގައުމުގެ އަފްރާދުންގެ ތެރޭގައި މުޖްތަމައުގެ ތެރޭގައި މި ދެންނެވި މުއްސަދިކަން ނެތީމަ،" މުއިއްޒު ވިދާޅުވި އެވެ.