ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމި ނިންމުމާއި ގުޅިގެން އެ ޕާޓީގެ މެންބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހާއްސަ މެސެޖެއް ދެއްވައިފި އެވެ.
ގާސިމްގެ މެސެޖުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮން ކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި ނުވަތަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކޮށް ނިއުޓްރަލްކޮށް ތިބުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލްގެ ފުރިހަމަ އައުލަބިއްޔަތުން އެމަނިކުފާނާއި މަތިކުރުމުން ނިންމާފައިވާނީ ވޭތުވި ތަނުގައި ކޯލިޝަން ހަދައިގެން ތިން ފަހަރު މަތީން ވެސް ލިބުނު ހިތި ނަތީއްޖާ އަށް ބެލުމަށްފަހު ކަމަށެވެ.
އެގޮތުން މި އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމީ ކަމަށާ ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މި ނިންމުންމުގެ ސަބަބުން މެންބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އެމަނިކުފާނަށް ފެންނާތީ ޕާޓީގެ ނަން ބޭނުން ނުކޮށް އެ މެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމުގައި ދެކޭތީ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކާ އެ ވާހަކަ ދަންނަވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި 22،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،000 އެއްހާ ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ ތިން ޕަސެންޓް ވޯޓެވެ.
ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކައުންސިލް ބައްދަލްވުމެއް ބާއްވާފައެވެ. ދިގުކޮށް ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލްވުމަށް ފަހު ކައުންސިލްގެ ނިންމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތައް ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ޑރ. މުއިއްޒާ މެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ކަމަށް ބެލެވެއެވެ. ގާސިމް ވިދާޅުވީ ފެނިވަޑައިގެންފައިވާ ޑޮކިއުމަންޓްތަކާއި އެހެން ކަމުން ކަމުން ވެސް ކެމްޕެއިންގައި ދެއްކެވި ވާހަތަކަކީ ހަގީގަރެއް ކަމަށް އެނގެން އެބައޮތް ކަމަށެވެ.
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަނީ އެހެން ވެގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކެމްޕެއިންގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތަކުން ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗެއްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަތައް އެއީ ތެދު ވާހަކަތައް ކަމަށް އަޅުގަނޑުމެންނަށް ޕްރޫފްވާތީއާ އެކީގައި މި ފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށް ސައިލަންޓްކޮށް ތިބޭނީ، ތިބެފައި އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ ޕާޓީ ކުރިއަރުވަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވުމުން ކައުންސިލްގެ މެންބަރުން ވަނީ ހޫނު އަތްތިލަބަޑިއެއް ޖައްސަވާ އެ ނިންމުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.