މިހާރު އޮއި ހުރި ގޮތުން ބޮޑު ފަޅިއަކީ ކޮބައި؟

މިހާރު ސާފުވެފައިވާ މިންވަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސާއެކު ތިބޭނީ ފުރަތަމަ ބުރުގައި ވެސް ތިބި ޕާޓީތަކެވެ. މުއިއްޒަށް ވެސް ގިނަ ޕާޓީތަކުގެ އެންޑޯޒްމެންޓް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އެކަމަކު މެންބަރުންގެ ތާއީދު ލިބުން ގާތީ މުއިއްޒަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މޭޔަރު މުއިއްޒު: ދެބޭފުޅުންގެ ވެސް ދެވަނަ ބުރުގެ ކެމްޕޭން ފުޅާކޮށް، ޕާޓީތަކުގެ ތާއީދު ހޯދަން ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައި

މި މަހުގެ ނުވަވަނަ ދުވަހު އޮތް އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އެންމެ ގިނަ ވޯޓް ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 45 ޕަސެންޓް ވޯޓެވެ. ރައީސް އިބްރާހިމް މުހައްމަދިު ސޯލިހަށް 39 ޕަސެންޓް ވޯޓެވެ. ފުރަތަމަ ބުރުގެ ނަތީޖާ މި ގޮތަށް އައުމުން އިންތިހާބު ކާމިޔާބު ކުރަން ދެ ކެންޑިޑޭޓުންނަށް ވެސް އެހެން ޕާޓީތަކާއި ލީޑަރުންގެ ތާއީދު އޮތީ ވަރަށް މުހިންމު ވެފައި ވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ދެން އޮތީ 11 ދުވަހެވެ.

އެމްއެންޕީން ނިންމީ މުއިއްޒާ ގުޅޭށެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމާއި މުޅި އެމްއެންޕީގެ ލީޑާޝިޕް މިހާރު ގެންދަނީ މުއިއްޒުގެ ކެމްޕެއިންގައި މުހިންމު ދައުރެއް ވެސް އަދާ ކުރަމުންނެވެ. ދެން އޮތީ ޖުމްހޫރީ ޕާޓީ އެވެ. ކުރީގެ އިންތިހާބުތަކުގެ "ކިންގްމޭކާ" އަކީ ގާސިމެވެ. އެކަމަކު މިފަހަރު އެމަނިކުފާނަކީ ވޯޓުން ތިން ސަޕެންޓްގެ ބޭފުޅެކެވެ. އެހެން އެކަން އޮތަސް މުއިއްޒާއި ރައީސް ސޯލިހް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ތާއީދަށް ވަރަށް ބޮޑަށް އެދިވަޑައިގެން ގާސިމް އިބްރާހިމާއި ބައްދަލު ކުރައްވާފައެވެ. މުއިއްޒު ފޮނުއްވެވީ ޓީމެކެވެ. ދެން މަޝްވަރާތައް ކުރެއްވީ ދެ ބޭފުޅުން ގުޅުއްވައިގެންނެވެ.

ރައީސް ސޯލިހް ސީދާ ގާސިމްގެ އަރިހަށް ވަޑައިގެން "ރޭކުރެއްވި" އެވެ. އެމަނިކުފާނުގެ ރިސޯޓް ރަށް -- ވިލާ ޕާކު (ސަން އައިލެންޑް) ގައި ދެ ދުވަހު ހުންނެވި އެވެ. އެކު ޖުމްލަ ވިއްސަކަށް ގަޑިއިރު މަޝްވަރާގައި ހޭދަ ކުރެއްވި އެވެ. ދެ ދުވަސް ފަހުން އެނބުރި ވަޑައިގެންނެވީ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ގާސިމްގެ އަރިހުގައި ވިލާ ޕާކުގައި މަޑުކުރެއްވުމަށް އަންގަވާފަ އެވެ. އެ ދެ ބޭފުޅުން ވެސް ފުޅާކޮށް ދިގުކޮށް ގާސިމާއި އެކި މަޝްވަރާތައް ހިންގެވި އެވެ. ރައީސް ސޯލިހުގެ ފަޅިއަށް އަރުއްވާނެ ގޮތެއް ފެނިވަޑައިގަންނަވާތޯ އެކި ގޮތްގޮތުން ގާސިމަށް މަޝްވަރާ ދެއްވި އެވެ. 

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލްވުމަށް ގާސިމް މާލެ ވަޑައިގެންނެވުމާއި ހަމައަށް ރައީސްގެ މަންދޫބުން އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އެވެ. ސަން އައިލެންޑުން މާމިގިއްޔަށް އަދި މާމިގިލީން ހުޅުލެއަށް ވަޑައިގަތީ އެކުއެކީ އެވެ. 

ނަމަވެސް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގޮތް ނިންނެވުމަށް ގާސިމަށް ކައުންސިލުން ދެއްވި ފުރުސަތުގައި އެމަނިކުފާނު ނިންމެވީ އެއްވެސް ކޮޅަކަށް އަރާވަޑައި ނުގަތުމަށެވެ. ވަރަށް ގިނަ ސަބަބުތައް ހުރުމުން ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހާއެކު ވަޑައިގެންނެވެން ނެތް ސަބަބުތަކާއި މުއިއްޒަށް ތާއީދު ކުރެވެން ނެތް ސަބަބުތައް އެކި މިންވަރަށް ވިދާޅުވެ ދެއްވި އެވެ.

ގާސިމް އިބްރާހިމް ކައުންސިލް ބައްދަލްވުމަށް ފަހު ނޫސްވެރީންނާއި ވާހަކަ ދައްކަވަނީ -- މި

ގާސިމްގެ ވާހަކަފުޅުން ކަށަވަރުވީ އެއް ކަމަކީ އެމަނިކުފާނު އެންމެ ބޮޑަށް ބެއްލެވީ ރައީސްގެ ފަޅިއަށް ވަޑައިގެންނެވޭނެ ގޮތެއް އޮތްތޯ އެވެ. އެހެން ވީ ރައީސްގެ ހުށައެޅުއްވުން ރަނގަޅު ވުމުން ކަމުގައި ވެދާނެ އެވެ. މި ފަސް އަހަރު ކޮންމެވެސް ސިފައެއްގައި ކޯލިޝަން ދެމެހެއްޓެވުމާއި ގާސިމްގެ އަނބިކަނބަލުންނަށް ވަޒީރު ކަމުގައި ދައުރެއް ދެއްވުން ފަދަ ސަބަބުތައް ހުރުމުން ކަމަށް ވުމީވެސް ގާތް ކަމެކެވެ. މި ފަހުން ދައުރެއް ނިމިގެން ދާއިރު ޖަލަށް ވަޑައިގަންނަން ޖެހިވަޑައި ނުގަތުމަކީ ވެސް ރައީސްގެ ފަޅިއަށް އެރުއްވޭނެ ގޮތެއް އޮތްތޯ ބެއްލެވި ސަބަބުތަކުގެ ތެރޭގައި ހިމެނިދާނެ އެވެ. 

ސީދާ ރައީސް ވަޑައިގެން ގާސިމާއި މަޝްވަރާ ކުރެއްވުމާއި މަންދޫބުން މެދުވެރިކޮށް ވެސް އެ މަޝްވަރާތައް ހިންގެވުމުން ދެއްވި އިސްކަމުން ރައީސްގެ ފަޅިއަށް ވަޑައިގެންނެވޭނެ ގޮތެއް އޮތްތޯ ވިސްނެވިކަން ގާސިމްގެ ވާހަކަފުޅުން ކަށަވަރު ވެއެވެ. 

ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާ ފުރަތަމަ ބުރުގެ ކެމްޕެއިން ދެއްކެވި ވާހަކަތަކާއެކު އެ ވާހަކަތަކުގެ ހަގީގަތް އިތުރަށް ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެން މައުލޫމާތުން ރައީސްގެ ފަޅިއަށް ވަޑައިގެންނެވުމަށް ހުރަސް އެޅުއްވުނީ އެވެ. 

ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލާ ގައި ރައީސާ އެކު ދިގުކޮށް މަޝްވަރާ ހިންގެވުނެވެ. ގާސިމަށް އެތައް ޑޮކިއުމަންޓްތަކެއް ރައީސްގެ ފަރާތްޕުޅުން ދެއްކެވި އެވެ. ލަފާ ކުރެއްވޭ ގޮތުން އެ ޑޮކިއުމަންޓްތަކުން ރައީސް / ނުވަތަ ރައީސްގެ ޓީމުން މަސައްކަތް ކުރެއްވީ މިލިޓަރީ ބޭނުމަކަށް ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަން ދައްކަވާށެވެ. ތިބި ބަޔަކު ތިބީ ދިވެހީންގެ ހިދުމަތުގައި ކަމަށް ބުނެދޭށެވެ. އެއްބަސްވުންތަކުން އެއްވެސް ނުރައްކަލެއް / ދިވެހީންނަށް ދެރައެއް ނެތްކަން ބުނެދޭށެވެ.

ނަމަވެސް އެކަން ކުރެއްވޭ ގޮތެއް ނުވި އެވެ؛ އެ ވާހަކަ ގާސިމް ވަރަށް ސާފުކޮށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެއްކެވި ޑޮކިއުމަންޓްތަކުން ރާއްޖެއަށް ދެރައެއް / ނުރައްކަލެއް ނެތް ކަމަށް އެމަނިކުފާނަށް ވިސްނިވަޑައިގެންނެވި ނަމަ ހުންނަވާނީ ރައީސް ސޯލިހާ އެކު އެވެ. އެ ގޮތް ނުނިންމެވުނީ އެހެން ނުވުމުން ކަން ބުއްދި ހުރި ކޮންމެ މީހަކަށް ވިސްނޭ ވަރަށް ތިލަކޮށް ގާސިމް ވިދާޅުވެ ދެއްވި އެވެ.

"އެ ޑޮކިއުމަންޓްގައި ހުރި އެއްޗެއް ބަލާފައި އަޅުގަނޑަށް ޔަގީން ކުރެވުނު ނަމަ -- އެއީ ރަނގަޅަށް ހުރި އެއްޗެއް ކަން ޔަގީން ކުރެވުނު ނަމަ އަޅުގަނޑު މި ގޮތަށް ނިންމާކަށް ނުޖެހޭނެ ދެއްތޯ. އަޅުގަނޑު ހުންނާނީ އެ ބޭފުޅާ [ރައީސް ސޯލިހް] އަރިހުގައި ދެއްތޯ،" 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ސޯލިހަށް އަލްވަދާއު ވިދާޅުވާން އެއާޕޯޓްގައި

ޖޭޕީގެ ނިންމުމާއެކު ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ދެ ކެންޑިޑޭޓުން ކުރެއްވި އުންމީދު ގެއްލުނީ އެވެ. ޖޭޕީގެ މި ނިންމުމަކީ ހާއްސަކޮށް ރައީސް ސޯލިހަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. ގާސިމްގެ ތާއީދު އެންމެ މުހިންމީ ރައީސަށެވެ. ގާސިމްގެ ތާއީދު ހޯއްދެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް އެމަނިކުފާނެެވެ.

އެކަމަކު ކުރެއްވި މަސައްކަތްޕުޅުން ނަތީޖާއެއް ފެނިވަޑައެއް ނުގެންނެވި އެވެ. އަނެއްކޮޅުން ގާސިމް ސައިލެންޓް ކޮށް ހުންނެވި ނަމަވެސް ޖޭޕީގެ ލީޑާޝިޕްގެ ތާއީދު "ސިއްރިއްޔާތު" ގައި ނަމަވެސް ބޮޑަށް އެނބުރޭނެ ކަމަށް ލަފާ ވަނީ މުއިއްޒުގެ ކޮޅަށެވެ. އެއީ ވެސް ރައީސަށް އޮތް ގޮންޖެހުމެކެވެ. މުއިއްޒަށް އޮތް ބޮޑު ފައިދާ އެކެވެ.

ރިޔާސީ ރޭހަށް ގާސިމް ނުކުންނެވިއިރު އެމަނިކުފާނު ވަށައިގެން ތިއްބެވީ ކުރީން ޕީޕީއެމްގައި އުޅުއްވި ބޭފުޅުންނެވެ. މުއިއްޒާ އެކު އެކި ގޮތްގޮތުން ސިޔާސީ މަަސައްކަތުގައި އެކުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އެކުގައި ކެބިނެޓްގައި އުޅުއްވި ބޭފުޅުންނެވެ. ދެން ތިއްބެވީ އާއިލީ ގޮތުން ގާތް ބޭފުޅުންނެވެ. އެހެންވުމުން އެ ހުރިހާ ބޭފުޅުންނާއި އެ ބޭފުޅުންގެ "ސިއްރު ކެމްޕެއިން" ގެ ތެރެއިން މުއިއްޒަށް ލިބިވަޑައިގަންނަވާ ވޯޓްގެ އަދަދު އިތުރުވާނެ އެވެ.

ޑރ. މުއިއްޒު ހިޔާ އަވަށުގައި: ގިނަ ބަޔަކު މުއިއްޒުގެ ކެމްޕެއިން ރެލީތަކުގައި ބައިވެރިވޭ

ޑިމޮކްރެޓުންގެ ތާއީދު ބޭނުންވޭ

ރައީސާއި މުއިއްޒަށް ވެސް ޑިމޮކްރެޓުންގެ ތާއީދު ބޭނުން ވެއެވެ. ނަމަވެސް އެ ޕާޓީގެ ހުށައެޅުމަކީ ދެ ކެންޑިޑޭޓުންނަށް ވެސް ގަބޫލު ކުރައްވަން ފަސޭހަ ހުށައެޅުމަކަށް ނުވި އެވެ. ޑިމޮކްރެޓުންގެ އޮތީ އެންމެ ޝަރުތެކެވެ. އެއީ ނިޒާމީ ވޯޓަކަށް ފަހިކޮށް ދިނުމެވެ. އެކަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ކޮށްދެއްވުމެވެ.

އެކަން ކުރެއްވެން މި ވަގުތަށް އޮތީ ރައީސް ސޯލިހަށެވެ. ނިޒާމީ ވޯޓަކަށް ގޮވާލެއްވުމުގެ ފުރިހަމަ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު އެކަން ކުރައްވައިގެން އެމަނިކުފާނަށް ތާއީދެއް އިތުރުވޭ ހެއްޔެވެ؟ ދެވަނަ ބުރު ބޮޑުކޮށް ނެގޭ ހެއްޔެވެ؟ އިތުުރު މަސައްކަތާއި ފައިސާތަކެއް ހަރަދުވުން ނޫން ކަމެއް އެކަމުންވޭ ހެއްޔެވެ؟

ބަރުލަނީ މަޝްވަރާއަށް އިއްޔެ ރައީސް ނަޝީދު، ރައީސް ޔާމީނާ ޖަލުން ބައްދަލު ކުރައްވާން މަސައްކަތް ކުރެއްވި އެވެ. އެއީ ނިޒާމީ ވޯޓަށް ޕްރެޝަރު ކުރަން ނަޝީދު ކުރައްވާ ކަމަކަށް ވުން ގާތެވެ. އެކަމަކު އެކަމެއް ނަޝީދު ރޭއްވެވި ގޮތަކަށް ނުހިނގި އެވެ. ނަޝީދުގެ ހުށައެޅުއްވުމަށް ރައީސް ޔާމީން ބޮޑުކޮށް ޖެއްސެވީ "ނޯ" އެވެ. ޔާމީނާއި ނަޝީދު ބައްދަލުވުން ބޭއްވުނަސް ރައީސް، ނިޒާމީ ވޯޓަކަށް ގޮވާލައްވާނެ ކަމަކަށް ނުފެނެ އެވެ. އެހެންވީމަ ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ރައީސް ސޯލިހަށް އޮތީ ދަތި އެހައި ހަނި މަގެކެވެ.

ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެ ދެވަނަ ބުރުގެ ކުރީން އެކަން ނުކުރައްވައިފިނަމަ ކެމްޕޭންގެ ފަހު ފަސް ދުވަހު ޑިމޮކްރެޓުންގެ ހަމަލާތައް ރައީސް ސޯލިހަށް އަމާޒުވާނެ ގޮތް އޮތީ ހިތަށް އަރުވާލުމެވެ. ޔަގީނުން ވެސް ގާސިމް ހެއްދެވިހެން ގެއަށް ވަދެވަޑައިނުގަންނަވާނެ އެވެ. ސާފުކޮށް ކޮޅެއް ނުނަންގަވާ ފާނެ އެވެ. ވަކި ކެންޑިޑޭޓަކު އެންޑޯޒް ނުކުރައްވާފާނެ އެވެ. އެކަމަކު ރައީސް ސޯލިހަށް ފާޑުކިޔާނެ އެވެ. އެމަނިކުފާނުގެ ކެމްޕެއިނަށް ހުރިހާ ގޮތަކުން ވެސް ގެއްލުން ދޭނެ އެވެ.

ރައީސް ނަޝީދު އިއްޔެ ޑިމޮކްރެޓުންނާއެކު: ނަޝީދުގެ ހުށައެޅުމަކީ ނިޒާމީ ވޯޓެއް ނެގުން

ޑިމޮކްރެޓުންގެ ބަހުން މިހާރުވެސް ރައީސް ސޯލިހް އެ ހުންނެވީ "ބަލި" ވެފައެވެ. ދެވަނަ ބުރުން މޮޅުވުން މުޅީން ނާދިރެވެ. މޮޅުވާނެ ހަމަ އެއް ގޮތެއް ނެތެވެ. އަނެއް ކޮޅުން އަތޮޅުގައި ނަގާ ކިޔާ ޑިމޮކްރެޓުންގެ ބޮޑުން އެ ދަނީ މުއިއްޒުގެ ކެމްޕެއިނާއި ގުޅުމުންނެވެ. އިހަކަށް ރޭ ލާމު އަތޮޅު ރައީސެވެ. ކުރީ ރޭ ށ. ފުނަދޫ ކައުންސިލްގެ ރައީސެވެ. މާދަމާ ވާވު އަތޮޅު ރައީސެވެ. އޭގެ ކުރީން ހއ އަތޮޅުގެ ރައީސް ވަނީ މުއިއްޒު އެންޑޯސް ކޮށްފަ އެވެ. މިއީ އެ އަތޮޅުތަކާއި ރަށްތަކުގައި ޑިމޮކްރެޓްސް ދިރުވާ ވަރުގަދަ ކުރާން ތިބި ބޭފުުޅުންނެވެ. އެ ބޭފުޅުންގެ ތާއީދެއް ރައީސް ސޯލިހަކަށް ނެތެވެ.

ރައީސް ނަޝީދު ވެސް އިއްޔެ ވަނީ އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޓްވީޓެއް ކުރައްވާފަ އެވެ. ބެލެވޭ ގޮތުން ރައީސާ ދެެކޮޅު ކަން ހާމަ ކުރުމުގެ ސިލްސިލާ އެމަނިކުފާނު އެ ފެއްޓެވީ އެވެ.

ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ތާއީދަށް ދެ ކެންޑިޑޭޓުން އެދިވަޑައިގަތުމުން ފާރިސް ހުށައެޅުއްވީ އަށް ސަފްހާގެ ބޮޑު ހުށައެޅުއްވުމެކެވެ. އެ ހުށައެޅުމުގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަ ކުރުމާއި އުތުރުތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އޮޓްލޮސްގެ ނިންމުން އަލުން މުރާޖާ ކުރަން ހުށައެޅުމަށް ވަނީ އެދިފައެވެ.

މިކަންކަން ރައީސް ސޯލިހް މިހާރުން މިހާރަށް ކުރެއްވުމަށާއި ޕީޕީއެމް / ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ފުރަތަމަ 50 ދުވަހުގެ ތެރޭގައި އެކަންކަން ކުރުމަށް ފާރިސް ވަނީ ހުށައަޅުއްވާފަ އެވެ.

މީގެ އިތުުރުން ރިޔާސީ ނިޒާމު ފިޔަވާ އެހެން ނިޒާމަކަށް ތާއީދު ނުކުރާނެކަން ހާމަކުރުމާއި މަޖިލީހުގެ ގޮޑީގެ އަދަދު މަދުކޮށް މުސާރަ ކުރުމާއި މެންބަރުން ވަކިކުރެވޭނެ ގޮތް ކަނޑައެޅުމާއި މެންބަރަކަށް ވުމުގެ ޝަރުތު ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލު ކުރުމާއި ބޭބޭފުޅު ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ހުށައަޅާފައި ވެއެވެ.

ރައީސް ސޯލިހް، ފާރިސް މައުމޫން އަދި ޑރ. މުއިއްޒު: ދެ ކެންޑިޑޭޓުންނަށް ވަރުގަދަ ހުށައެޅުންތަކެއް ހުށައެޅުއްވި

މި ކަންކަމަކީ އެމްޑީޕީއަށް ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ. އެހެންވީމަ ފާރިސްގެ ތާއީދު ވެސް ދެ ކެންޑިޑޭޓުން ކުރެ ކެންޑިޑޭޓަކަށް ލިބުން ވަރަށް ދުރެވެ.

މި ހުރިހާ ކަމަކާއެކު އިންތިހާބުގެ ދެވަނަ ބުރަށް މަންޒަރު މި ދަނީ ސާފު ވަމުންނެވެ. ބިޔަ ކޯލިޝަނެއްގެ އުންމީދު ކުރެއްވި ރައީސް ސޯލިހަށް މި ފަހަރު އެ ނަސީބެއް ލިބިވަޑައެއް ނުގަތެވެ. ފަސް އަހަރުގެ ދައުރުގައި ކޮންމެވެސް ސިފައެއްގައި ނަމަވެސް ކޯލިޝަން ސަރުކާރެއް ހިންގެވީ ރައީސް ސޯލިހެވެ. އެކަމަކު އެކަން ޕާޓީތަކުން ގަބޫލެއް ނުުކުރި އެވެ.

އަނެއްކޮޅުން ކޯލިޝަން ސަރުކާރެއް ނުހިންގުނު ޕީޕީއެމް / ޕީއެންސީއަށް އަލުން އިތުބާރުކޮށް ބައެއް ޕާޓީތަކުން އެ ދަނީ އެ ދެ ޕާޓީގެ ވެރިކަމެއް އަލުން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

މިހާރު ސާފުވެފައިވާ މިންވަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސާއެކު ތިބޭނީ ފުރަތަމަ ބުރުގައި ވެސް ތިބި ޕާޓީތަކެވެ. އެހެން ޕާޓީތަކުގެ އެންޑޯސްމަންޓެއް ނުލިބޭނެ އެވެ. އެކަމަކު އެ ޕާޓީތަކުގެ ބައެއް މެންބަރުންގެ ތާއީދު ހޯދޭނެ އެވެ. އެކަމަށް ބޮޑަށް މަސައްކަތްކޮށް އެ ތާއީދު އިތުރު ކުރަން މަސައްކަތް ކުރަން ކޮންމެހެން ވެސް ޖެހެއެވެ.

މުއިއްޒު އެ ހުންނެވީ ފުރަަތަމަ ބުރަށް ވުރެ މިހާރު ވެސް ކޯލިޝަން ފުޅާކުރައްވައިގެންނެވެ. އެކަމަކު މުއިއްޒަށް ވެސް އިތުރު ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ ސާފު އެންޑޯޒްމެންޓެއް ދެން ލިބިވަޑައިނުގެންފާނެ އެވެ. އެކަމަކު ޖުމްހޫރީ ޕާޓީއާ ފާރިސް މައުމޫނާއި އުމަރު ނަސީރުގެ އަރިހުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ވޯޓް ދިން މީހުންގެ ބޮޑު އިންސައްތަ އެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 12 ދުވަހަށް ވެފައިވާއިރު ފެންނަ ބޮޑު މަންޒަރަކީ މިއީ އެވެ.

ސިޔާސީ ކަންކަމަކީ ވަރަށް ފާޑެއްގެ ކަމެކެވެ. ރޭ އެމްޑީޕީ ޖަގަހައިގައި ނެށި މީހުން މިރޭ ޕީޕީއެމް ޖަގަހަައިގަ ނަށާފާނެ އެވެ. "އިބޫ އަކީ މަގެ މޭން އޭ" ބުނެ ސަނާކީ މީހުން މާދަމާ "މުއިއްޒަކީ މަގެ މޭން އޭ" ބުނެފާނެ އެވެ. އެހެންވީމަ މިއޮތް ކުޑަ ދުވަސް ތެރޭ ސިޔާސީ ކަންކަން އެނބުރޭ ގޮތް ބަލަން އޮތީ ތިބުމެވެ.

ކޮމެންޓް

3
450
ސަލަފް
10 months ago

ކަލޭ ހަމީދު ބަލަންޖެހޭނެއްނު ކަލާގެ ޕާޓީ ސަލަފް އަރާކޮޅެއް މީގަ ލިޔަންޖެހޭނެއްނު. އަބަދުވެސް ތިހުންނަނީ ރައީސް ސޯލިހާ ޖެހިގެންފަ ސަލަފު މީހުން ބުނާގޮތް ހަދައިގެން

ފަތޯ
10 months ago

މިހާރު އިންތިޒާރު މިކުރަނީ އަންނި ބުނާނެ އެއްޗަކަށް/ އުއްމީދަކީ ގާސިމް ހެދިހެން އަންނި ނުހެދުން

ލަބީބް އަލީ
10 months ago

ޕީޕީއެމް /ޕީއެންސީ މީހުންނަށް ހީވަނީ މިހާރު މުއިޒް އެހުރީ ހޮވިފަ އޭ. މާބޮޑަށް ފޮނިއަރައިގެން އުޅެނީ. ދޭން ބޭނުންވާ މެސެޖްއަކީ އިހަށް މަޑުކޮށްލާށޭ ސެޕްޓެމްބަރ 30 އަންނަންދެން .

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.