"އެ ޑޮކިއުމަންޓްގައި ހުރި އެއްޗެއް ބަލާފައި އަޅުގަނޑަށް ޔަގީން ކުރެވުނު ނަމަ -- އެއީ ރަނގަޅަށް ހުރި އެއްޗެއް ކަން ޔަގީން ކުރެވުނު ނަމަ އަޅުގަނޑު މި ގޮތަށް ނިންމާކަށް ނުޖެހޭނެ ދެއްތޯ. އަޅުގަނޑު ހުންނާނީ އެ ބޭފުޅާ [ރައީސް ސޯލިހް] އަރިހުގައި ދެއްތޯ،"
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ތާއީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަތީ އިންޑިއާ ސިފައިންގެ މައްސަލާގައި ކަން ދޭހަވާ މޭރުމުން ގާސިމް ވާހަކަފުޅު ދައްކަވައިފި އެވެ.
ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލްވުމެއް ބާއްވާފައެވެ. ދިގުކޮށް ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލްވުމަށް ފަހު ކައުންސިލްގެ ނިންމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ. ގާސިމް ވިދާޅުވީ ޖޭޕީގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތައް ކަމަށެވެ. އެ ވާހަކަތަކުގެ ތަފްސީލެއް ނުދެއްވައެވެ.
ނަމަވެސް ކައުންސިލް ބައްދަލްވުމަށް ފަހު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ގާސިމް ވަނީ ބައެއް ތަފްސީލުތައް ދެއްވާފައެވެ. ގާސިމްގެ ވާހަކަފުޅުން އެމަނިކުފާނުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުންކަން ހާމަވެއެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްކޮޕްޓަރު ގެނައީ ގަބޫލުކުރައްވާ އުސޫލުގެ ތެރެއިން ނޫން ކަމަށާ އެކަން އެގޮތުގައި އޮއްވާ އާ ހެލްކޮޕްޓަރެއް ގެނެސް މުއްދަތު އިތުރުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި އަލުން މި ސަރުކާރުން އެ އެއްބަސްވުންތައް ދަމަހައްޓާފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެކަން ގާސިމް ސިފަ ކުރެއްވީ ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ.
ރައީސާއެކު ބޭއްވުނު ބައްދަލްވުމުގައި އެ ވާހަކަ ދެއްކެވިކަން ގާސިމްގެ ވާހަކަފުޅުން ޔަގީން ކުރެއެވެ. އަދި ހަގީގަތް ހާމަކޮށް ދެއްވުމަށް ރައީސްގެ ފަރާތްޕުޅުން ޑޮކިއުމަންޓްތަކެއް ދެއްކެވިކަން އެނގެއެވެ.
"އެ ޑޮކިއުމަންޓްގައި ހުރި އެއްޗެއް ބަލާފައި އަޅުގަނޑަށް ޔަގީން ކުރެވުނު ނަމަ -- އެއީ ރަނގަޅަށް ހުރި އެއްޗެއް ކަން ޔަގީން ކުރެވުނު ނަމަ އަޅުގަނޑު މި ގޮތަށް ނިންމާކަށް ނުޖެހޭނެ ދެއްތޯ. އަޅުގަނޑު ހުންނާނީ އެ ބޭފުޅާ [ރައީސް ސޯލިހް] އަރިހުގައި ދެއްތޯ،"
ގާސިމް ވިދާޅުވީ ކަންކަން އެގޮތަށް ހިނގާފައި އޮތީ އިންޑިއާ މީހުން "އަތް އަނބުރާލައިގެން" ނޫން ކަމަށެވެ. އެއީ ވެރިކަމުގައި ތިބި މީހުން ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގައި ދެން އިތުރަށް ކުރެއްވި އެއްވެސް ސުވާލަކަށް ގާސިމް ޖަވާބެއް ނުދެއްވި އެވެ.
"ދެން އަޅުގަނޑު ނެތީން އޭގެ ތަފްސީލުތައް އިތުރަށް ހާމަކުރާކަށް،" ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ގާސިމް ވިދާޅުވި އެވެ.
ސަޅި އިނގޭ.