ދިގުކޮށް ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލްވުމަށް ފަހު ކައުންސިލްގެ ނިންމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ. ގާސިމް ވިދާޅުވީ ޖޭޕީގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ދެންމެ ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލްވުމެއް ބާއްވާފައެވެ. ދިގުކޮށް ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލްވުމަށް ފަހު ކައުންސިލްގެ ނިންމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ. ގާސިމް ވިދާޅުވީ ޖޭޕީގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތައް ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ޑރ. މުއިއްޒާ މެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ކަމަށް ބެލެވެއެވެ. ގާސިމް ވިދާޅުވީ ފެނިވަޑައިގެންފައިވާ ޑޮކިއުމަންޓްތަކާއި އެހެން ކަމުން ކަމުން ވެސް ކެމްޕެއިންގައި ދެއްކެވި ވާހަތަކަކީ ހަގީގަރެއް ކަމަށް އެނގެން އެބައޮތް ކަމަށެވެ.
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަނީ އެހެން ވެގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކެމްޕެއިންގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތަކުން ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗެއްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަތައް އެއީ ތެދު ވާހަކަތައް ކަމަށް އަޅުގަނޑުމެންނަށް ޕްރޫފްވާތީއާ އެކީގައި މި ފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށް ސައިލަންޓްކޮށް ތިބޭނީ، ތިބެފައި އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ ޕާޓީ ކުރިއަރުވަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވުމުން ކައުންސިލްގެ މެންބަރުން ވަނީ ހޫނު އަތްތިލަބަޑިއެއް ޖައްސަވާ އެ ނިންމުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމިއިރު އެ ޕާޓީގެ ތާއީދަށް އެދި ދެ ކެންޑިޑޭޓުން ވެސް ގާސިމާއި ބައްދަލު ކުރައްވާފައެވެ.
ސީދާ ރައީސް ސޯލިހް ވަނީ ގާސިމްގެ އަރިހަށް -- ވިލާ ޕާކު (ސަން އައިލެންޑް) އަށް ވަޑައިގެން ދެ ދުވަހު މަޑުކުރައްވާ ދިގުކޮށް މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ގާސިމް މިއަދު މާލެ ވަޑައިގަތުމާއި ހަމައަށް ރައީސްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އަބްދުﷲ ޝާހިދު ގާސިމްގެ އަރިހުގައި ހުންނެވި އެވެ.
މީގެ އިތުރުން ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއެކު އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުުއިއްޒުގެ ފަރާތްޕުޅުން ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް ވިލާ ޕާކުގައި ގާސިމާ ބައްދަލު ކުރައްވާފައިވެއެވެ.
ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިދިޔަ ހޮނިހިރު ދުވަހު ގާސިމަށް ވަރަށް ދަށް ނަތީޖާއެއްގެ ގޮތުގައި ލިބި ވަޑައިގަތީ 5،460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމުރު ނަސީރަށް ވުރެ ދަށް ނަތީޖާ އެކެވެ.