ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި -- ވިލާ އިން ތަރައްގީ ކޮށްފައިވާ އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވީ ގާސިމް އެވެ. ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު އަލީ ވަހީދު ވެސް ހުންނެވި އެވެ.
ޖޭޕީއާއެކު ކޯލިޝަން ހަދަން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ގާސިމް އިބްރާހިމާއެކު ރޭ ހަތަރު ގަޑި އިރުގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެންފި އެވެ.
ދެ ބޭފުޅުން މަޝްވަރާ އޮތީ ގާސިމްގެ ރިސޯޓް ރަށް -- ވިލާ ޕާކު [ސަން އައިލެންޑް ރިސޯޓް] ގައެވެ.
ރައީސް މިހާރު ވަނީ މާމިގިއްޔަށް ވަޑައިގެންފައެވެ. ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި -- ވިލާ އިން ތަރައްގީ ކޮށްފައިވާ އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވީ ގާސިމް އެވެ. ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު އަލީ ވަހީދު ވެސް ހުންނެވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިދިޔަ ހޮނިހިރު ދުވަހު ގާސިމަށް ވަރަށް ދަށް ނަތީޖާއެއްގެ ގޮތުގައި ލިބި ވަޑައިގަތީ 5،460 ވޯޓެވެ. އެއީ އިންތިހާބުގައި ވާދަ ކުރެއްވި އުމުރު ނަސީރަށް ވުރެ ދަށް ނަތީޖާ އެކެވެ.
ގާސިމަކީ މިހާރު އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ވުރެ ބޮޑު އިސްކަމެއް ދެއްވަނީ ކެމްޕެއިނަށް ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ.
ގާސިމްގެ އިތުރުން ދެން ތިއްބެވި ލީޑަރުންނާއި ޕާޓީތަކުގެ ތާއީދު ދެއްވާނެ ކަމަށް ބޮޑަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އެމްއެންޕީގެ ތާއީދު މިހާރު ވެސް ވަނީ މުއިއްޒަށް ދެއްވާފައެވެ.