ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު ވެސް ޕީޕީއެމް އަދި ޕީއެންސީ އޮތީ ބަދަހިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު މައްސަލަ ޖެހި، އެމްޑީޕީ ބައިބައި ވުމުގެ ސަބަބުން ކުރަން ޖެހުނު ތަޖުރިބާ ޕީޕީއެމް - ޕީއެންސީއަށް ކުރަން ނުޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވާތީ އެކަން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅައިފައިވާ ގަރާރަށް ވާހަކަފުޅު ދައްކަވަމުން މިއަދު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ކުޑައިރުން ފެށިގެން ގާތް ދެ ރަހުމަތްތެރިން ބަދަލުވި ގޮތަށް ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި ވެސް މައްސަލަ ޖެހޭނެ ކަމަށެވެ. ހުރިހާ ވެސް ކަމަކީ ހަސަދަވެރިވުން ކަމަށާއި ރައީސް ސޯލިހަށްވުރެ ރައީސް ނަޝީދުގެ ބާރު ގަދަ ވެދާނެތީ ހަސަދަވެރިވީ ކަމަށެވެ. އިދިކޮޅު ދެ ޕާޓީގެ ތެރޭގައި ވެސް ވާނީ އެހެން ކަމަށާއި އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވިނަމަ އެކަން އެގޮތަށް ނުވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ މިކަންތައްތަކުގެ ތެރޭގަ އަނެއްކާވެސް މިކަން ތަކުރާރުވެގެން ދާނެ. އާދަމް ޝަރީފްމެންނާ ޝިޔާމްމެންނާ ހުރިހާ ބޭފުޅުން، އާދަމް ޝަރީފް ބާކީވާނެ، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ބާކީވާނެ. އެއީ ޔާމީނަށް ތާއީދު ކުރާ މެމްބަރުން ވީމަ އެކަން ވާނެ ގޮތް،" ބޮންޑޭ ވިދާޅުވި އެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރު ޔާމީން ޖަލުގައި އޮންނެވިއިރުވެސް ޕީޕީއެމް އަދި ޕީއެންސީ އޮތީ ބަދަހިކޮށް ކަމަށެވެ. އެބޭފުޅުންގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަކީ އެބޭފުޅުން ބޭނުންވާ ކަމެއް ނުވުމުން ޕާޓީ ދޫކޮށް ދާނެ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒުގެ ވެރިކަމެއްގައި އެމްޑީޕީ އެކުރި ތަޖުރިބާއެއް ކުރާކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގަ ލީޑާޝިޕްގަ ތިއްބެވި ބޭފުޅުންނަކީ އެހާ ފަސޭހައިން ބޭނުންވާ ކަމެއް ނުނިމުނީމަ ދެން ނުކުމެގެން ދާނެ ބައެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބޭފުޅުންގެ މެދުގައި ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގެ ހިތްވަރު ހުންނާނެ ކަމަށެވެ. އެ ދެ ޕާޓީން ކަންކަން ނިންމަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކަމަށާއި އެއީ މިހާތަނަށް ޑިމޮކްރެޓިކް ހަމަތައް އެންމެ ވަރުގަދައަށް ހިފަހައްޓާ ދެ ޕާޓީ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގަ ބައިބައިވުން އުފެދިގެންނެއް ނުދާނެ. އެއަށްވުރެ އަޅުގަނޑުމެންގެ، މި ގައުމަށްޓަކާ ރާއްޖޭގެ ރައްޔިތުންނަށްޓަކާ ޕާޓީއަށްޓަކާ ވާންޖެހޭ ގުރުބާނީތައް އަޅުގަނޑުމެން ވާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލެއްވީ ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ގާނޫނު ހުރަސް އެޅުމުންނެވެ. މިއަހަރު ރައީސް ޔާމީނަށް ކުރިމަތި ނުލެއްވުނީ ހަމަ އެ ސަބަބާ ހުރެ އެވެ.
ނޫނޭ، ކިތަންމެ އެކުވެރިޔަސް ވެރިކަން ލިބުނީމަ މުއިޒަށް ވެސް ވާނީ އިބޫ އަށްވީހެން. މީހުންބުނެއެއްނު މާޒީން އިބްރަތް ލިބިގަންނާށޭ.
އުހުން، ވެރިކަމާ ޖެހުނީމަ ދެން ނޯންނާނެ އިތުރު ގޮތެއް. މިޒަމާނަކީ މަންމަ އާއި ދަރި އަށް އެކީގަ އެއްބަދިގެ އެއްގަ ކައްކާކައިގެން ނޫޅެވޭ ޒަމާން. ހިސްޓރީ ރިޕީޓްސް.