ސިޔާސީ ކޭމްޕްތަކުގެ ފޯކަސް މުއިއްޒުގެ ކޭމްޕާ ދިމާއަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ސިޔާސީ ކުޅިބައި މިހާރު އެތުރޭ ގޮތުން މުޅީންހެން މި ފެންނަނީ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ މިސްރާބު މުއިއްޒާއި ދިމާއަށް ހުއްޓިފައި ވަނިކޮށެވެ. ސިޔާސީ މަޝްވަރާއެއް ހިންގާ ރައީސް ސޯލިހާއި އެމްޑީޕީ ކޯލިޝަނަށް ތާއީދު ދޭން ޕާޓީތަކުން ބޭނުންވާ މަންޒަރެއް ނުފެނެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ފަށާފައިވާއިރު ފުރަތަމަ ބުރުން ބާކީވި ޕާޓީތަކުން ކޯލިޝަން ހެދުމަށް ވާހަކަ ދައްކާއިރު ގިނަ ޕާޓީތަކުގެ އަމާޒު ހުރީ މުއިއްޒުގެ ކޭމްޕާ ދިމާއަށް

މިދިއަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނުކުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އުންމީދު ގައެވެ.  

ރައީސް ސޯލިހުގެ އަންދާޒާ އަކަށް ވެފައި އޮތީ 56 ޕަސެންޓުން ކާމިޔާބުކޮށް އިންތިހާބު އެއްބުރުން ނެގުމެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިންތިހާބު ފައްޓަވާނީ ވެސް ޔަގީން 130،000 ވޯޓުން ކަމަށެވެ. އަނެއްކޮޅުން އިދިކޮޅު ކެންޑިޑޭޓް، މުއިއްޒު ވެސް ވަރަށް ބޮޑަށް ޔަގީން ކުރައްވައިގެން ހުންނެވީ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން އޭނާއަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭ އަދަދަށް ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ނިންމުން އައީ އެގޮތަކަށް ނޫނެވެ. ދެ ކެންޑިޑޭޓުން ޖެއްސެވި ހިސާބެއް ވެސް ދިމައެއް ނުވި އެވެ. އަމުދުން ރައީސް ސޯލިހާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުގެ އަންދާޒާ މުޅީން ގޯހެވެ. 

އެއްބުރުން އިންތިހާބު ނުނެންގެވުނު ނަމަވެސް ކޯލިޝަނަކާ ނުލައި މުއިއްޒު ހޯއްދެވީ ތާރީހީ، ބޮޑު ކާމިޔާބެކެވެ. ރިޔާސީ ރޭހަށް ނިކުންނެވި ފުރަތަމަ ފަހަރު 101،000 ވުރެ ގިނަ ވޯޓް ހޯއްދެވި އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ މުއިއްޒަށް ވުރެ 15،000 ވޯޓް މަދުން 85،000 ވޯޓެވެ.

މި ނަތީޖާއާއެކު ކުރީ އިންތިހާބުތަކެކޭ އެއްގޮތަކަށް އެހެން ސިޔާސީ ޕާޓީތަކާއި ލީޑަރުންްގެ ތާއީދު ހޯއްދެވުމަށް އެންމެ ގިނައިން ވޯޓް ލިބިވަޑައިގެން ދެ ކެންޑިޑޭޓުންނަށް މިވަނީ ޖެހިވަޑައިގެންފަ އެވެ. އިންތިހާބުގެ ނަތީޖާ ސާފުވުމާއެކު ރައީސް ސޯލިހާއި މުއިއްޒު ވެސް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް ދެއްވާފަ އެވެ. އެކަން މިހާރު ހިނގަމުން ވެސް ދެ އެވެ. 

އެ މަޝްވަރާތައް އިއްޔެ ވެސް ފުޅާކޮށް ހިނގި އެވެ. ބައެއް ނިންމުންތައް ވެސް މިހާރު ވަނީ ނިންމާފަ އެވެ. މިއަދުވެސް ބައެއް މަޝްވަރާތައް ހިނގާނެ އެވެ. ނިންމުންތަކެއް މިއަދު ވެސް ނިންމާނެ އެވެ. މަންޒަރު މިހާރު ފެންނަ ގޮތުން ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ހުރިހާ ޝައުގެއް އޮތީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒަށެވެ.

މުހައްމަދު ނާޒިމްގެ އެމްއެންޕީގެ ކައުންސިލުން ނިންމީ މުއިއްޒާއެކު ކޯލިޝަން ހަދާށެވެ. އެ މަޝްވަރާތަކަށް ފަހު ޕީޕީއެމް /ޕީއެންސީން ވަނީ ރިޔާސީ ރޭހުގެ ދެވަނަ ބުރަށް އެމްއެންޕީއާއެކު ކޯލިޝަނެއް ހަދާފަ އެވެ.

އެމްއެންޕީއާ ޕީޕީއެމް / ޕީއެންްސީން ބުނާ ގޮތުގައި ތިން ޕާޓީގެ މެދުގައިވި އެއްބަސްވުމަކީ މާގިނަ ކަންތައްތަކެއް ހިމެނޭ އެއްބަސް ވުމެއް ނޫނެވެ. މައިގަނޑު އެއްބަސްވުމަކީ ރައީސް ސޯލިހްގެ ސަރުކާރު ބަދަލުކޮށް ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ކުރުމެވެ. އަދި ސަރުކާރު ހިންގުމުގައި އެމްއެންޕީގެ ވިސްނުމާއި މަޝްވަރާ ހޯދުމާއެކު ފަސް އަހަރަށް އެކުގައި ތިބެވޭނެ ގޮތެކެވެ. ކެބިނެޓާއި މިނިސްޓްރީތަކާއި ކުންފުނިތަކުން ސިޔާސީ މަގާމުތައް ބަހާނެ ގޮތާމެދު މަޝްވަރާއެއް ނެތެވެ. މި ހާލަތުގައި ތިން ޕާޓީއަށް ވެސް އެ ވާހަކަ ދައްކަން މުހިންމެއް ނޫނެވެ. 

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިއްޔެ ވަނީ ކޯލިޝަން ހަދާފައި

އެމްއެންޕީއާއެކު ކޯލިޝަން ހެދުމަށް އެއްބަސްވެ އެކަމުގެ މައުލޫމާތު ހާމަކުރަން އިއްޔެ ހަވީރު ބައްދަލްވުން ކުރިއަށް ދިޔަވަގުތު އެ ބައްދަލްވުމުގައި ތިއްބެވި ހަތަރު ފަސް ބޭފުޅަކަށް ބައްދަލުވުން ދޫކުރައްވާ ވަޑައިގަތުމުގެ ހުއްދަ މުއިއްޒު ދެއްވި އެވެ. އެއީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ޕީޖީ ގުރޫޕްްގެ ލީޑަރު އަހްމަދު ސަލީމާއި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ސިޔާމާއި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ބޭފުޅުން ބައްދަލްވުމުން ވަޑައިގަންނަވަނީ އިތުުރު ޕާޓީއަކާއެކު މަޝްވަރާ ކުރެއްވުމަށެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ގާސިމްގެ ރިސޯޓްގައި ރޭ ބައްދަލު ކުރެއްވުމަށް ފަހު

އިރުއޮއްސުނުއިރު އެ ބޭފުޅުން ތިއްބެވީ އދ. މާމިގިލީގައި ވިލާ ގުރޫޕުން ހިންގާ "މާމިގިލި އެއާޕޯޓް" ގައެވެ. އެ ބޭފުޅުންގެ އިސްތިގުބާލު ގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވި އެވެ. ވަރަށް ބޮޑަށް ހިނިތުންވެ ހުންނަވާ ޕީޕީއެމް/ޕީއެންސީގެ ޓީމަށް ގާސިމް މަރުހަބާ ވިދާޅުވި އެެވެ.

އެ ބޭފުޅުން ވަޑައިގަތީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމާއި ޖުމްހޫރީ ޕާޓީގެ ތާއީދު ހޯއްދެވުމަށެވެ. ރޭ އެ މަޝްވަރާތައް ގާސިމްގެ ރިސޯޓް ރަށް -- ސަން ވިލާ ޕާކު [ސަން އައިލެންޑް] ގައި ރޭ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ޕީޕީއެމް / ޕީއެންސީން ބުނާ ގޮތުން މަޝްވަރާތައް ކާމިޔާބެވެ. ބޭއްވުނީ އުންމީދީ ބައްދަލްވުމެކެވެ.

ޖޭޕީގެ ރަސްމީ ނިންމުން އޮތީ މިއަދު އެވެ. ބެލެވޭ ގޮތުން ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު އޮންނާނީ މުއިއްޒަށެވެ. މަޝްވަރާގެ ދައުވަތު ރައީސްގެ ފަރާތްޕުޅުން ވެސް އޮތީ ގާސިމަށް ފޮނުއްވާފަ އެވެ. ރައީސްގެ އަރިހުގައި ތިއްބެވި އަނެއް ދެ ޕާޓީގެ ލީޑަރުން ކަމަށްވާ އިމްރާން އަބްދުﷲ އާ އަހްމަދު ސިޔާމް މުހައްމަދު ވެސް ރައީސާ ގުޅިވަޑައިގަތުމަށް ގާސިމަށް ދައުވަތު ދެއްވާފަ އެވެ.

ނަމަވެސް އެ ހުށައެޅުއްވުމާމެދު ގާސިމް އަދި ވާހަކައެއް ނުދައްކަަވަ އެވެ. އެފަދަ މަޝްވަރާ އެއް ޔަގީން ވެސް އަދި ނުހިނގަ އެވެ. މިއަދުގެ ނިންމުން އައުމާ ހަމައަށް މަޝްވަރާ ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. 

އިއްޔެ އޮތް ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލް ބައްދަލްވުން : ކައުންސިލްގެ ތާއީދެއް އެމްޑީޕީއާ ގުޅެން ނެތް -- މި

ދެން އޮތީ އިންތިހާބުގައި ހައިރާން ކުރަނިވި ނަތީޖާއެއް ނެރުނު އެންމެ ޒުވާން ޕާޓީ "ދަ ޑިމޮކްރެޓްސް" އެވެ. އެ ޕާޓީގެ ތާއީދަށް ވެސް އެމްޑީޕީއާ ޕީޕީއެމް / ޕީއެންސީން އެދިފައި ވެއެވެ. އެ ޕާޓީން ވެސް ވަނީ އެކަމާމެެދު ކައުންސިލްގެ ނިންމުމެއް ހޯދަން އިއްޔެ ބައްދަލްވުމެއް ބާއްވާފައެވެ. އެ ޕާޓީއަށް އޮތް ތިން ގޮތެއް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ކައުންސިލް މެންބަރުންނަށް ވިދާޅުވެ ދެއްވި އެވެ. 

އެއް ގޮތަކީ އެމްޑީޕީއަށް ތާއީދުކޮށް ރައީސްގެ ފަހަތްޕުޅަށް ދިއުމެވެ. އަނެއް ގޮތަކީ މުއިއްޒަށް ތާއީދު ދެއްވުމެވެ. ތިންވަނަ ގޮތަކީ ވަކި ކޮޅެއް އިހްތިޔާރު ނުކޮށް ޑިމޮކްރެޓްސްގެ ސަޕޯޓަރުން ބޭނުން ގޮތަކަށް ވޯޓްދޭން ދޫކޮށްލުމެވެ.

ނަމަވެސް ކައުންސިލް މެންބަރުންނަށް ފުރުސަތު ދިނުމާއެކު އެމްޑީޕީއަށް ތާއީދުކޮށް ރައީސްގެ ފަހަތްޕުޅަށް ދިއުމަކީ އެއްވެސް ހާލެއްގައި އޮތް ފުރުސަތެއް ނޫން ކަމަށް ވިދާޅުވެ އެ ހުށައެެޅުމާ ދެކޮޅު ހެދި އެވެ. ރައީސް ނަޝީދު އެދިވަޑައިގަތަސް، ޑިމޮކްރެޓުން ނިންމި ނަމަވެސް ރައީސް ސޯލިހަށް ވޯޓް ނުދޭނެ ކަމަށް ފާޅުގައި ކައުންސިލު މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ. އެފަދަ ކޮންމެ ވިދާޅުވުމަކާ އެކު ހަރުގެއަށް ޖަމާވެފައިވާ ޑިމޮކްރެޓްސް ސަޕޯޓަރުން ގެންދިޔައީ "އިބޫ ނޫން ގޮތެއް" ގޮވާލާ އަޑު އުފުލަމުންނެވެ.

ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އިއްޔެ ވިދާޅުވި ގޮތުގައި އެމްޑީޕީއާ ކުރާނެ އިތުރު މަޝްވަރާ އެއް ނޯނާނެ އެވެ. ރައީސް ސޯލިހަށް ހުށައެޅުއްވޭނެ އެއްވެސް ހުށައެޅުމެއް ވެސް ނޯންނާނެ އެވެ. އެމްޑީޕީން ނިކުމެ ޑިމޮކްރެޓްސް އުފައްދަން ޖެހުނީ ކުރާނެ މަޝްވަރާ އެއް ނެތުމުން ކަމަށެވެ.

އެހެންވީމަ ޑިމޮކްރެޓްސްގެ މިސްރާބު ވެސް ހުރީ ރައީސް ސޯލިހާއެކު ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. ޑިމޮކްރެޓުން ކޮންމެ ނިންމުމެއް ނިންމިޔަސް އެ ޕާޓީއަށް ތާއީދުކޮށް ވޯޓް ދިން 15،000 މެންބަރުންގެ ބޮޑު އަދަދެއް އެމްޑީޕީގެ ވޯޓަށް ބަދަލު ކޮށްލެވޭނެ ކަަމަކަށް ނުބެލެވެ އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ބޮޑު އެއްވުމަކުން ނިންމާލުން: އުންމީދު ކުރި ނަތީޖާ ލިބިވަޑައެއް ނުގެންނެވި

ދެން ތިއްބެވީ އިންތިހާބުގައި ވަކީން ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ އަހްމަދު ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އިންތިހާބު ނިމުމާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގެ ދައުވަތު ރައީސްގެ ފަރާތްޕުޅުންނާއި މުއިއްޒުގެ ފަރާތްޕުޅުން ލިބިވަޑައިގެންފައިވާ ކަމަށް ފާރިސް ވެސް މީޑިއާގައި ހާމަ ކުރައްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ފާރިސް ވަނީ މުއިއްޒާއެކު މަޝްވަރާތަކެއް ކުރައްވާފަ އެވެ. އެ މަޝްވަރާތަކަށް ފަހު ފާރިސްގެ ނިންމުން ވެސް ވަރަށް އަވަހަށް ހާމަ ކުރާނެ އެވެ. ފާރިސްއާއެކު ރައީސް ސޯލިހްގެ ކެމްޕޭން އަދި މަޝްވަރާއެއް ނުހިންގައެވެ.

އުމަރު ނަސީރަށް ރައީސްގެ ކެމްޕޭނުން ދައުވަތެއް ނުދެއެވެ. އެއީ 2008 ގެ ފަހުން ދުވަހަކުވެސް އުމަރު، އެމްޑީޕީއާއެކު މަސައްކަތް ކުރައްވާފައި ނުވާތީ އެވެ. އުމަރަކީ އޭނާގެ ސިޔާސީ މަަސައްކަތް ފެށީއްސުރެ އެމްޑީޕީއާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ކޮންމެ އިންތިހާބެއްގައި ކޮޅު ބަދަލުކޮށް އެކި ފަހަރު އެކި ޕާޓީތަކާއި ކެންޑިޑޭޓުންނަށް ތާއީދު ކުރި ނަަމަވެސް މީގެ ކުރީން ބޭއްވި ތިން އިންތިހާބުގައި ވެސް އުމަރު ހުންނެވީ އެމްޑީޕީއާ ދެކޮޅަށެވެ. އެހެންވީމަ އުމަރުގެ ރަސްމީ އެންޑޯޒްމަންޓެއް އަޔަސް / ނަޔަސް އޭނާގެ ތާއީދު އޮންނާނީ މުއިއްޒަށް ކަމަށް ޔަގީން ކުރެވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ސިޔާސީ ކުޅިބައި މިހާރު އެތުރޭ ގޮތުން މުޅީންހެން މި ފެންނަނީ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ މިސްރާބު މުއިއްޒާއި ދިމާއަށް ހުއްޓިފައި ވަނިކޮށެވެ. ސިޔާސީ މަޝްވަރާއެއް ހިންގާ ރައީސް ސޯލިހާއި އެމްޑީޕީ ކޯލިޝަނަށް ތާއީދު ދޭން ޕާޓީތަކުން ބޭނުންވާ މަންޒަރެއް ނުފެނެއެވެ. އެކަން ކުރިއަށް އޮތް 48 ގަޑިއިރުތެރޭ އިތުރަށް ސާފުވާނެ އެވެ. އޭރުން ބޮޑު ކޯލިޝަނަކާ އެކު އިންތިހާބުގެ ދެވަނަ ބުރަކަށް ވަޑައިގަންނަވަނީ ކޮން ކެންޑިޑޭޓެއްކަން ޔަގީން ކުރެވޭނެ އެވެ. މަންޒަރު ފެންނަ ގޮތުން ހުރިހާ ގޮތަކުން ވެސް ބުރަވެވެނީ މުއިއްޒުގެ ކޮޅަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.