"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރަކީ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ކަމުން އެމަނިކުފާނު އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި އޮތީ މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންނާއެކު މަަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކީ މަސައްކަތް ކުރަން،"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމާއި ޕީއެންސީ އަށް އަންގަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ދެ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.
ޖޭޕީއާއެކު ކޯލިޝަން ހައްދަވަން ރައީސް ޔާމީންގެ ޝައުގުވެރިކަމެއް ނެތް ކަމަށާ އެ ޕާޓީއާ އެ މަޝްވަރާ ނުކުރަން އެމަނިކުފާނު އަންގަވާފައިވާ ކަމަށް ބުނެ އިއްޔެ އެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރުނެވެ.
އެމްއެންޕީއާއެކު ކޯލިޝަން ހެދުމަށް މިއަދު ބޭއްވި ބައްދަލްވުމުގައި ޕީޕީއެމް/ޕީއެންސީ ހިންގުމުގެ ވަގުތީ ޒިންމާގައި ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ބޭއްވި ބައްދަލްވުމުގައި ވެސް ކޯލިޝަން ހެދުމުގެ ދައުވަތު ހުރިހާ ޕާޓީތަކާއި ސިޔާސީ ލީޑަރުންނަށް ދެއްވާފައި ވާނެ ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ވިސްނުންފުޅު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރަކީ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ކަމުން އެމަނިކުފާނު އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި އޮތީ މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެންނާއެކު މަަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކީ މަސައްކަތް ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އިސްކޮށް ހުންނެވި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ވެސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅާ އިރުޝާާދާ ހިލާފަށް ޕީޕީއެމް/ޕީއެންސީން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރާނެ ކަމަށެވެ.
އަދި ރިޔާސީ އިންތިހާބުގައި ކަންކަން ކުރައްވީ ގޮތުގެ ފުރިހަަމަ އިރުޝާދު ރައީސް ޔާމީންގެ ފަރާތްޕުޅުން ބަރާބަރަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ދިނުމާ ގުޅޭގޮތުން ޕީީޕީއެމް/ޕީއެންސީން މިހާރު ވަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ވެސް ފަށާފައެވެ. ޖޭޕީން މިއަދު ބުނީ އެ ޕާޓީގެ ނިންމުން މާދަމާގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށެވެ.