ފިކުރެއްގެ ދިރުމުގެ ހެޔޮވަރު ސައިޒަކީ ކޮބާ؟

ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޓީމު އާދަޔާ ހިލާފު ބުރަ މަސައްކަތެއް ކުރާނެ ކަމާމެދު ޝައްކެއް ނެތެވެ. އެ ކުރާ މަސައްކަތް ތަފާތުވެފައި މޮޅުވެސް ވާނެ އެވެ. އެކަމަކު އެ ނަންބަރު 15،000 އިން މައްޗަށް ގެންދެވޭނެ ކަމަކަށް ނުފެނެ އެވެ.

ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނާއެކު ތިއްބެވި މަޖިލީސް މެންބަރުން: އައު ޕާޓީއެއް އުފެއްދެވުމުގެ މަަސައްކަތް ވަނީ ފަށާފައި -- މި

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ނުވަ ޕާޓީ އެކެވެ. ދިހަވަނަ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު އޮތީ ފެށި އެވެ. އެއީ 2005 ވަނަ އަހަރު ސިޔާސީ ޕާޓީ ހަދާނެ ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ހެދި، އެންމެ މެންބަރުން ގިނަ ޕާޓީ، އެމްޑީޕީ ބައިބައިވެ އެ ޕާޓީގެ ތެރޭން ބަޔަކު ނުކުމެ އާ ޕާޓީއެއް ހަދާކަން ރަސްމީކޮށް މިދިޔަ ހަފްތާގައި އިއުލާނު ކުރީ އެވެ. މި ހަފްތާގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ކޮމިޝަނަށް ހުށައަޅާނެ އެވެ. އޭގެ ކުރިއަށް ވެސް ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތާއި މެންބަރުން ހޯދުމާއި މަޝްވަރާތައް މިހާރު ހިނގަ އެވެ. 

އެމްޑީޕީގެ ރައީސް / ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އެމްޑީޕީގައި އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތް އެމްޑީޕީއާ ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ މަޖިލީހުގެ 13 މެންބަރާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިސްކޮށް ތިއްބަވައިގެނެވެ.

ބެލެވޭ ގޮތުން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ނަމުގަ އެވެ. ނުވަތަ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަަދު ޝިފާޒްގެ ނަމުގަ އެވެ. ޕާޓީ އުފެއްދުމުގެ މަޝްވަރާތަކުގައި މިވަގުތު ހިނގަނީ ޕާޓީއަށް ކިޔާނެ ނަމެއް ކަނޑައެޅުމާއި ޕާޓީގެ ކުލަ އާއި ލޯގޯ އަދި މޮޓޯ ފަދަ ކަންކަން ކަނޑައެޅުމުގެ މަަސައްކަތެވެ.

ނަމަކާމެދު އެކި ފޯރަމްތަކުގައި ހިޔާލު ބަދަލު ކުރެވެ އެވެ. "ފިިކުރެއްގެ ދިރުން ޕާޓީ" އާއި "ކޮންޒަވޭޓިވް ޕާޓީ" އާއި "ފްރީ ޑެމޮކްރަޓިކް ޕާޓީ" އަދި "ލިބިރަލް ޕާޓީ" ފަދަ ނަންތައް މޭޒުމަތީ އެބައޮތެވެ. 

އަޑުތައް ހުރި ގޮތުން ރައީސް ނަޝީދާ އެކުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ކަމުދަނީ "ފިިކުރެއްގެ ދިރުން ޕާޓީ" އާއި "ކޮންޒަވޭޓިވް ޕާޓީ"، މި ދެ ނަމުން ކުރެ ނަމެކެވެ. އެހެން ނަންތައް މިހާރުވެސް ވަނީ ރޫލްއައުޓް ކޮށްފަފަ އެވެ. 

އާ ޕާޓީ އުފެއްދުމުގެ މަަސައްކަތުގައި އިސްކޮށް އުޅޭ ބޭފުޅުން މި ފަހުން ފެންނަނީ މަޑު ނޫ ކުލަ ބޭނުން ކުރައްވާ މަންޒަރެވެ. އެހެން ކަމުން ބުރަ ވެވެނީ ޕާޓީގެ ކުލައަކަށް ވާނީ މަޑު ނޫ ކުލަ އެވެ. ސޯޅަ، ސަތާރަ އަހަރު ވަންދެން ރީންދޫ ޓައި އެޅުއްވި ބޭފުޅުން މިހާރު ފެންނަނީ މަޑު ނޫ ކުލައިގެ ޓައީ ގައެވެ. ކުރީން ބޭނުންކުރި ގުލްޗަމްޕާ މާ ދޫކޮށް މިހާރު ބޭނުން ކުރަނީ ނޫ ކުލައިގެ ރާޅު ބާންޏެއްގެ ވަގުތީ ލޯގޯ އެކެވެ.

ޕާޓީގެ ސައިޒާބެހޭ ސުވާލު - މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް މިވަގުތު އޮތް އެންމެ ބޮޑު ބަހުސަކީ "ފިކުރެއްގެ ދިރުން" ހަރަކާތުންް އުފައްދާ ޕާޓީގެ ސައިޒާ ގުޅޭ ބަހުސެވެ. އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ވެސް އެންމެ ބޮޑު ޝައުގުވެރި ކަމެއް އޮތީ އެކަމަށެވެ. ޕާޓީއަކީ މެންބަރުންގެ ގޮތުން ބިޔަ ޕާޓީއަކަށް ހެދުމެވެ. ސުވާލަކީ ވެސް އެއީ އެވެ. ނަޝީދުގެ އާ ޕާޓީގެ ސައިޒަކަށް ވާނީ ކިހާ ވަރެއް ހެއްޔެވެ.؟
ނަޝީދުގެ އައު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން

ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާ ހިންގުމުގެ ހުއްދަ ލިބުނު ފަހުން 18 އަހަރު ފާއިތުވެ ދިޔައީ އެވެ. މިދިޔަ ދިގު ތާރީހުގައި ބުނެދިން އެންމެ ބޮޑު އެއް ހަގީގަތަކީ ރާއްޖޭގައި އޮތީ މައިގަނޑު ދެ ފިކުރު ކަމެވެ. ފުރަތަމަ އެއީ އެމްޑީޕީ އާއި ޑީއާރުޕީ އެވެ. ނުވަތަ ރައީސް މައުމޫނާއި ރައީސް ނަޝީދެވެ. އޭގެ ފަހުން އެމްޑީޕީ އާއި ޕީޕީއެމެވެ. ނޫނީ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ރައީސް ނަޝީދެވެ.

މިހާރު އަނެއްކާވެސް މި އޮތީ އެ ދެ ފިކުރަށް ބަދަލު އަންނާނެތޯ ސުވާލު ކުރަން ޖެހިފައެވެ. މިވަގުތު ލީޑު ކުރާ ދެ ފިކުރީ އެމްޑީޕީ އާއި ޕީޕީއެމެވެ. ސުވާލަކީ އެމްޑީޕީގެ ފިކުރު، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުމަށް" ބަދަލުވެދާނެ ހެއްޔެވެ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ރައީސް ނަޝީދަށް ކުރި ހޯއްދެވި ދާނެ ހެއްޔެވެ؟ 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 280،000 ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭގައި އޮތް ނުވަ ސިޔާސީ ޕާޓީއަށް ނިސްބަތް ވަނީ 154،978 މީހުންނެވެ. 125،000 ވުރެ ގިނަ މީހުން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވެ އެވެ. 

އޭގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް ނުވަންނަ މީހުންނެވެ. ސިޔާސީ ކަންކަމުގައި މާބޮޑު ބައިވެރިވުމެއް އޮތް ބައެއް ނޫނެވެ. ޕާޓީތައް ނިސްބަތްވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މިހާތަނަށް ގިނަ ޕާޓީތަކެއްގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންނެވެ. އެކި އަހަރު އެކި ޕާޓީތަކުގަ އެެވެ. ކޮންމެ އިންތިހާބަކަށް ޕާޓީ ބަދަލު ކުރާ މީހުން ވެސް އުޅެ އެވެ. އާ ޕާޓީއެއް އުފެދޭ އިރަށް ސޮއި ދޭ މީހުން ވެސް އުޅެ އެވެ. ބަޔަކު ސޮއި ހޯދަން ދާއިރަށް އެކި ކަންކަމާއި މަތިކޮށްފައި ސޮއި ދޭ މީހުން ވެސް ތިބެ އެވެ.

އެހެން ކަމުން އަލަށް ޕާޓީއެއް އުފެދުނަސް މެންބަރުން ހަމަ ކުރަނީ ކުރީންވެސް ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ހޯދައިގެނެވެ. މި ފަހުން އުފެދުނު ހުރިހާ ޕާޓީތަކެއް ރަޖިސްޓްރީ ކުރީވެސް އެގޮތަށެވެ. މިހާތަނަށް ޕާޓީއަކާއި ނުގުޅި ތިބި މީހުންގެ ތެރެއިން އަލަށް އުފެދޭ ޕާޓީއަކާއި ގުޅިފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ.

ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުމު" ން އުފައްދާ ޕާޓީގެ މައިގަނޑު އަމާޒަކީ އެމްޑީޕީގެ މެންބަރުންނެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ގިނަ މެންބަރުންތަކެއް ދަނީ އެމްޑީޕީން ވަކި ވަމުންނެވެ. ނަމަވެސް އެ އަދަދު ކިހާ ވަރަކަށް ގެންދެވިދާނެ ހެއްޔެވެ؟  

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު ސަޕޯޓަރުން މަރުހަބާ ކިޔަނީ: އައު ޕާޓީއަށް މެންބަރުން ގިނަ ކުރެވިދާނެތޯ އެއީ ބޮޑު ސުވާލެއް

މިދިޔަ ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 40،000 ވުރެ ގިނަ މެންބަރުން ވޯޓް ލި އެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 16،000 ގާތް ކުރާ އަދަދެއްގެ ވޯޓެވެ. ބާކީ 25،000 ވޯޓް ހޯއްދެވީ ރައީސް ސޯލިހެވެ. ދެ ރައީސުންގެ ވަރުގަދަ ކެމްޕެއިނެއް ފެނިގެންދިޔަ ޕްރައިމަރީ އިންތިހާބަކީ ނަޝީދުގެ އާ ޕާޓީގެ އަންދާޒާ ނަންބަރެއް ހޯދާލަން މުހިންމު އިންތިހާބެކެވެ.

އެމްޑީޕީގެ ދަފްތަރުގައި މިހާރު ތިބި 57،660 މެންބަރުންގެ ތެރެއިން ވަރަށް ބުރަ މަސައްކަތާއެކު ނަޝީދަށް 15،000 މެންބަރުން ހޯދިދާނެ އެވެ. ބޮޑަށް ބުރަވެވެނީ އެ އަދަދަށް ވުރެ މައްޗަށް ނުގެންދެވުމެވެ. އެހެން ވެއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ އަދަދު 40،000 ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށް ވިސްނާ އެ ޕާޓީން މިހާރު ވަނީ މެންބަރުން އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

ދެން އޮތީ އެމްޑީޕީގެ ދަފްތަރުން އުނިކުރި ކަމަށް ނަޝީދު ވިދާޅުވާ 40،000 މެންބަރުންނެވެ. އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށް އެމަނިކުފާނު ދައްކަވާ ވާހަކަފުޅެއް ނޫނެވެ. އެ ނަންބަރު އެމަނިކުފާނު ގެންނަވަނީ އެމްޑީޕީގެ އެތެރޭގައި ގެންގުޅޭ ގަޑުބަޑުވެފައިވާ ލިސްޓަކަށް ބައްލަވައިގެނެވެ. އެ ލިސްޓްގައި އެހެން ޕާޓީތަކުގެ 25،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އެއީ އެތެރޭގެ އިންތިހާބުތައް ހަރާބުކޮށް ވަކި ބަޔަކު މޮޅު ކޮށްދޭން ވަގުތީ ގޮތުން އެތެރޭގެ ދަފްތަރުގައި ޖެހި ތިބި ބައެކެވެ. އެމްޑީޕީއަށް އިހްލާސްތެރި ބައެއް ނޫނެވެ. އެމްޑީޕީއަށް ވޯޓް ދޭނެ ބައެއް ވެސް ނޫނެވެ.

ނަމަވެސް އެ 40،000 މެންބަރުންގެ ތެރޭގައި އެމްޑީޕީގައި ވަރަށް ދުވަސްވީ މެންބަރުންތަކެއް ހިމެނެއެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާއެކު އިނގިލީގެ ނިޝާން މަޖުބޫރު ކުރުމުން އޮޓޯއިން ވަކިވި މެންބަރުންނެވެ. ފަހުން އެ މެންބަރުން ޕާޓީއަށް ވެއްދުމަށް އެކަށީގެންވާ މަަސައްކަތެއް ކުރެވިފައި ނެތީ އެވެ. އެހެން ކަމުން އެމްޑީޕީން ވަކިކުރި ކަމަށް ނަޝީދު ވިދާޅުވާ 40،000 މެންބަރުންގެ ތެރެއިން އެމަނިކުފާނުގެ އާ ޕާޓީއަށް ހޯދޭނީ މަދު އަދަދެއްގެ މެންބަރުންތަކެކެވެ. ހާހުން ނުވަތަ ދޮޅު ހާހުން މައްޗަށް ދިޔަވެސް އެއީ ރަނގަޅު ނަންބަރެކެވެ.

  •  އެމްޑީޕީ - 57،660 މެންބަރުން
  •  އަދާލަތު ޕާޓީ - 9،786 މެންބަރުން
  •  ޖުމްހޫރީ ޕާޓީ - 22،607 މެންބަރުން
  •  ޕީޕީއެމް - 38،704 މެންބަރުން
  •  އެމްޑީއޭ - 10،386 މެންބަރުން
  •  ޕީއެންސީ - 3،159 މެންބަރުން
  •  އެމްޓީޑީ - 3،016 މެންބަރުން
  •  އެމްއާރްއެމް - 2،981 މެންބަރުން
  •  އެމްއެންޕީ - 9،838 މެންބަރުން

ދެން އޮތް ގޮތަކީ އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން ބަޔަކު އާ ޕާޓީއާ ގުޅުމެވެ. ނުވަތަ ޕާޓީއަކަށް ނުވަދެ ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު އެ ޕާޓީއާ ގުޅުމެވެ.

އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެމްޑީޕީގެ އިތުރުން ދަފްތަރުގައި ދެން ހިމެނޭ އަށް ޕާޓީއަކީވެސް އެމްޑީޕީގެ ފިކުރާ / ހާއްސަކޮށް ރައީސް ނަޝީދުގެ ވިސްނުމާއި ވަރަށް އިދިކޮޅު ޕާޓީތަކެވެ. އެ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ތިބީވެސް ނަޝީދަށް ތާއީދު ނުކުރާ މެންބަރުންނެވެ. އެހެން ކަމުން އެ ޕާޓީތަކުން މެންބަރުންތަކެއް ނަޝީދުގެ އާޕާޓީއާ ގުޅުމަކީ ވަރަށް ދުރު ކަމެކެވެ.

ރައީސް ނަޝީދު: އެމަނިކުފާނު އުފައްދަވާ އައު ޕާޓީގެ ކުލަ އަކަށް ވާނީ މަޑު ނޫ ކުލަ ކަމަށް ބެލެވޭ

އަނެއްކޮޅުން އެއްވެސް ޕާޓީއަކާއި މިހާތަަނަށް ނުގުޅި އޮތް "ސައިލެންޓް ކޮމިއުނިޓީ" ގެ ތެރެއިން ވެސް ގިނަ މެންބަރުންތަކެއް ހޯދުމަކީ އުނދަގޫ ކަމެވެ. އެއީ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ކުރެވުނު ކަމެއް ވެސް ނޫނެވެ. ކުރީން ދެވަނަ އަށް އެންމެ ބޮޑު ޕާޓީއަކަށް އޮތް ޑީއާރުޕީ ބައިބައިވެ އުފެދުނު ޕީޕީއެމް ބޮޑު ކުރީ ޑީއާރުޕީގެ ދަފްތަރު އެކީއެކަށްހެން ޕީޕީއެމްގެ ތެރެއަށް ގެންގޮސް ގެނެވެ. ދެން އުފެދުނު އެމްޓީޑީ އާއި ޕީއެންސީ އާއި އެމްއާރްއެމަށް ވެސް ކިރިޔާ 3،000 ހަމަ ކުރެވެނީ އެހެން ޕާޓީތަކުން މެންބަރުން ހޯދައިގެންނެވެ. އެ ޕާޓީތަކާއި އަލަށް ގުޅުނީ ވަރަށް މަދު މެންބަރުންތަކެކެވެ.

އެކަމުގައި ކުޑަވެސް ތަފާތެއް ފެނުނީ އެންމެ ފަހުން އުފެދުނު އެމްއެންޕީގެ ތެރެއިންނެވެ. އެ ޕާޓީން ދިހަހާހާ ގާތް ކުރާ މެންބާޝިޕެއް ހޯދިއިރު އޭގެ ތެރޭގައި މުޅީން އަލަށް ޕާޓީއަކާއި ގުޅުނު މެންބަރުންގެ އަދަދު ތަންކޮޅެއް ގިނަ އެވެ. އެހެންވީ އެއީ ސިޔާސީ މަސައްކަތަށް އާ ބޭފުޅުން ކޮޅެއް އުފެއްދެވި ޕާޓީއަކަށް ވުމުންނެވެ.

ނަމަވެސް ރައީސް ނަޝީދުގެ އާ ޕާޓީއަށް އެ ފުރުސަތު އޮތް ކަމަކަށް ނުބެލެވެ އެވެ. މިހާތަނަށް ޕާޓީއަކާއި ނުގުޅި ތިބި މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅިދާނެ އެވެ. ބޮޑު އަދަދެއް ގުޅޭނީ ޔަގީނުން ވެސް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންގެ ތެރެއިންނެވެ. އެހެން ކަމުން "ފިކުރެއްގެ ދިރުން" އުފައްދާ އާ ޕާޓީއަށް ވަރަށް ސަޕްރައިޒިން ނަންބަރެއް ދެއްކިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

ނަންބަރު މަތިކުރަން ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމު އާދަޔާ ހިލާފު ބުރަ މަސައްކަތެއް ކުރާނެ އެވެ. އެކަމަށް ކުޑަވެސް ޝައްކެއް ނެތެވެ. ކުރާ މަސައްކަތް ތަފާތުވެފައި މޮޅު ވެސް ވާނެ އެވެ. އާންމުންގެ ސަމާލު ކަމާއި ޝައުގުވެރިކަން ވެސް ދަމައިގަންނާނެ އެވެ. މުޅި ރާއްޖޭގައި އެއް އަޑަކަށް އޮންނާނީ ވެސް އެ އަޑެވެ. އެކަމަށް އެ ބޭފުޅުން ފަރިތަވެފައި މޮޅުވާނެ އެވެ. އެކަމަކު ބެލެވޭ ގޮތުން ފުރަތަމަ ފަށައިގަނެވޭނީ 5،000 މެންބަރުންގެ ދަފްތަރަކުންނެވެ. އެ ނަންބަރު ކުޑަ ދުވަސްކޮޅެއްގެ ތެރޭ 8،000 އާއި 10،000 ދެމެދުގެ އަދަދަކަށް ގެންދެވޭނެ އެވެ. ވަރަށް މަަސައްކަތުން ރިޔާސީ އިންތިހާބުގެ ކުރިއަށް 15،000 މެންބަރުންނަށް އިތުުރު ކުރެވިދާނެ އެވެ. އެކަމަކު އެއަށް ވުރެ ކުރިއަށް ޖެއްސޭނެ ހެނެއް ހީއެއް ނުވެއެވެ.

އެފްޑީގެ އަމާޒަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް ވުމެވެ. އެމްޑީޕީ ތިންވަނަ އަށް ފަހަތަށް ޖެއްސުމެވެ. އެކަމަކު އެ މަންޒަރެއް އަދި ނުފެނެ އެވެ. 

ކޮމެންޓް

1
450
ފިރޫ
10 months ago

ކިތަންމެ ބޮޑު މޮޅެއް ހޯދުނަސް 15،000 އިން މައްޗަށް ގެންދެވިއްޖެއްޔާ ސާބަސް . ހެޔޮވަރު ސައިޒަކީ 11،000 މީހުން ކަމަށް ބަލާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.