ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް!

މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކުރުމަށް ޖުމްލަ ދެ ގަޑިއިރުގެ ވަގުތެއް މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލީހުގެ ޖަލްސާއެއް. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި ޑރ. މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައި މިރޭ ފޮނުވި މައްސަލަ، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. 

އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރުމަށްފަހު އެ ރިޕޯޓު ރަގަޅު ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

މާދަމާގެ ޖަލްސާގައި އެ މައްސަލައަށް ބަހުސްކުރުމަށް ޖުމްލަ ދެ ގަޑިއިރުގެ ވަގުތެއް މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދެ ފަނޑިޔާރުންގެ ރިޕޯޓު ވަކިވަކިން ފޮނުވާފައިވާއިރު، ކޮންމެ ރިޕޯޓަކަށް އެއް ގަޑިއިރުގެ ބަހުސްގެ ވަގުތެވެ. 

ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ އެ ރިޕޯޓުތައް ބަލަމުންދިޔަ އިރު، އެ ކޮމިޝަނުން ދެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ. 

ފިލްޒާ ދެއްވި ލަފާގައި ވަނީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބެލުމާމެދު ގޮތެއް ކަނޑައަޅަން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަކަށް ފޮނުވައިގެން ކަމަށެވެ. 

ނަމަވެސް، ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ނުފޮނުވައި، އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ހިލާފަށެވެ. 

ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރު ކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފު ވެފައިވާ ކަމަށެވެ.

ފިލްޒާގެ ލަފާގައި އެހެން ވިދާޅުވެފައިވިޔަސް، ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ހިންގުމުގައި ގޯހެއް އުޅޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ. 

ދެ ފަނޑިޔާރުން ވެސް ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ފުރުސަތު ކޮމެޓީން ދީފައެއް ނުވެ އެވެ.

ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރުމާއެކު ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވިގެންދާނެ އެވެ. މި މައްސަލައިގައި ދެ ފަނޑިޔާރުން ތިއްބެވީ ސަސްޕެންޝަންގަ އެވެ. މި ދެ ފަނޑިޔާރުންނާއެކު ހުސްނުއްސުއޫދު ވެސް ސަސްޕެންޑް ކުރި އެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.