އަހަރު ސަރުކާރު ބަދަލުވިއިރު ޖުމްލަ 39 ބިލިއަން ރުފިޔާގެ މަޝްރޫއު ކޮންޓްރެކްޓުކޮށްފައިވެ އެވެ. ނަމަވެސް މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާ އެވެ.
ކުރީ ސަރުކާރުން ކަންތައް ކުރި ގޮތަށް ބަޖެޓުގައި ފައިސާ ނެތި މަޝްރޫއުތައް ނުފަށާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓުގައި ފައިސާ ނެތި ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް މި ސަރުކާރުން ބުނަމުންދާ ވަގުތެއްގައި މާލިއްޔަތު ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ބަޖެޓުގައި ފައިސާ ނެތި ކުޑަ އަދަދެއް ޖަހައިގެން މަޝްރޫއު ނުހިންގާނެ ކަމަށާ، މަޝްރޫއު ހިންގާނީ ފައިސާ ހޯދައިގެންނެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު ލަފާފުޅަނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުން ކަމަށާ ކުރިން ކުންފުނިތަކަށް ފައިސާ ޕަންޕު ކުރިގޮތަށް ފައިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގައެއް ނެތެވެ. މީގެ ބަދަލުގައި ރައިސްގެ ވިސްނުންފުޅަކީ ވެސް ކުންފުނި ތަކުން ސަރުކާރަށް ޑިޕެންޑުވުން ހުއްޓުވުމެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރު ސަރުކާރު ބަދަލުވިއިރު ޖުމްލަ 39 ބިލިއަން ރުފިޔާގެ މަޝްރޫއު ކޮންޓްރެކްޓުކޮށްފައިވާއިރު އެމްޑީޕީ ސަރުކާރުން އެކުލަވައިލާ އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސްކުރި 2024 ގެ ބަޖެޓުގައި އެ މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ބަދަލުވިއިރު އެކި ކުންފުނިތަކާއެކު ކޮންޓްރެކްޓު ކުރެވިފައިވާ ހުރިހާ މަޝްރޫއެއްގެ އަގަކީ 39 ބިލިއަން ރުފިޔާ ކަމަށާއި، އެގޮތަށް ކޮންޓްރެކްޓު ކުރެވިފައި ހުރި މަޝްރޫއުތަކުގެ އަދަދަކީ 322 ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެ 322 މަޝްރޫއުގެ ތެރެއިން 242 މަޝްރޫއަކީ ހިނގަމުން އައި މަޝްރޫއުތަކެވެ. އަދި 80 މަޝްރޫއަކީ އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެވެ. އެމްޓީސީސީއާއި އާރްޑީސީއާއެކު ސޮއިކޮށްފައިވާ 190 މަޝްރޫއުގެ ތެރެއިން 63 މަޝްރޫއު ފެށުމަށް މޯބަލައިޒްވެސް ކުރެވިފައިނުވެ އެވެ.