އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އިއްޔެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ އެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.
އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލު ވެސް ކުނޑިކުޑިވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރުދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ، މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމާއި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ.
އެ ތިން މީހުންގެ ތެރެއިން އިކްރާމާއި އިކްރާމުއްރަހުމާނުގެ ބަންދާމެދު ގޮތެއް ނިންމަން ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ވަނީ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. ޖިނާހު ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. އެކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
މިއީ މި ފަހުން ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.