އަނަސްގެ މަރަށް ހަތް އަހަރު؛ 15 މިނެޓަށް މީދޫ އަނދިރިކޮށްލަނީ

އެ އަނދިރި ވަގުތުގެ ހަނދާން އައުކުރުމުގެ ގޮތުން މިރޭ 9:15 އިން 9:30 އަށް މީދޫގެ ހުރިހާ މަގުބައްތިތަކެއް ނިއްވާލަން ވަނީ ހަމަޖެހިފައެވެ.

ރ. މީދޫ

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރަށް ހަތް އަހަރު ފުރުމާއި ދިމާކޮށް އެ ރަށް އަނދިރިކޮށްލަން ކައުންސިލުން ނިންމައިފި އެވެ.

މީދޫ ކައުންސިލުން ބުނީ އަނަސްގެ އަނިޔާވެރި މަރަށް މިއަދު ހަތް އަހަރުފުރޭއިރު މިއީ މުޅި މީދޫއަށް ކަޅު ދުވަހެއް ކަމަށެވެ. މީދޫ ރައްޔިތުން ތިބީ އެ އަނިޔާވެރި މަރަށް އިންސާފަށް އެދިއެދި ކަމަށް ވެސް ބުންޏެވެ.

ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ އެ އަނިޔާވެރި ގަތުލު ހިނގާދިޔަ ވަގުތަކީ މުޅި މީދޫގެ ރައްޔިތުންނަށް އަނދިރި ވަގުތެއް ކަމަށާ އެ އަނދިރި ވަގުތުގެ ހަނދާން އައުކުރުމުގެ ގޮތުން މިރޭ 9:15 އިން 9:30 އަށް މީދޫގެ ހުރިހާ މަގުބައްތިތަކެއް ނިއްވާލަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ރަށު ކައުންސިލުން ވަނީ އެވަގުތުގައި އިންސާފަށް އެދި ސޯޝަލް މީޑިއާގައި ވީހާވެސް ގިނަ ބަޔަކު ޝުއޫރުފާޅުކޮށް ދިނުމަށް ވެސް އެދިފަ އެވެ.

ހާދިސާގެ ހުލާސާ އެއް - މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ. އޭނާ މަރާލީ އަދާވާތްތެރި ގުރޫޕެއްގެ މެމްބަރެއް ކަމަށް ހީކޮށެވެ. އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ބަޔަކު ގުޅިގެންނެވެ. ރަހުމުކުޑަކޮށް އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 އަހަރުގެ އޮކްޓޯބަރު މަހު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

އަނަސް މަރާލުމުގެ ތުހުމަތު އޮތް އެންމެން ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި މައްސަލައިގައި ޒަޔާން، އުސްމާން އަދި އަފްރާހުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. މި އެންމެން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ދީފައެއް ނުވެ އެވެ. ދެ ފަހަރު ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެމީހުން ކޯޓަށް ހާޒިރުކުރެވިފައެއް ނުވެ އެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.