މީރާގެ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ސީދާ އާމްދަނީ ލިބޭ ހުރިހާ ދާއިރާއަކުން މި އަހަރު ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެވަނީ އިތުރުވެފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ސީދާ އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަތް ބިލިއަން ރުފިޔާއާ ގަތް ކުރާ މިންވަރެއް ލިބިއްޖެ އެވެ.
މީރާގެ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ސީދާ އާމްދަނީ ލިބޭ ހުރިހާ ދާއިރާއަކުން މި އަހަރު ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ ވަނީ އިތުރުވެފަ އެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި ނިމުނު އަހަރު 4.8 ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު ވަނީ 5.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ނިމުނު އަހަރަށް ވުރެ މި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 12.6 އިންސައްތަ އިތުރު ވެފައި ވެއެވެ.
ޓީޖީއެސްޓީގެ އިތުރުން ސީދާ ޓުއަރިސްޓުން އަތުން ނަގާ ގްރީން ޓެކުސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެފައިވެ އެވެ.
އެގޮތުން ފާއިތުވި އަހަރު ގްރީން ޓެކުހުގެ ގޮތުގައި 526 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު 571 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރަަށްވުރެ އިތުރަށް 45 މިލިއަން ރުފިޔާ ލިބުނެވެ.
ހަމައެހެންމެ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް ފާއިތުވި އަަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވެ އެވެ. އެގޮތުން ފާއިތުވި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ފާއިތުވި އަހަރު ލިބުނީ 758 މިލިއަން ރުފިޔާ އެވެ. މި އަހަރު އެ އަދަދުވަނީ 909.7 މިލިއަނަށް އިތުރުވެފަ އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ޖަނަވަރީން ޖޫންގެ ނިޔަލަށް ލިބުނު އާމްދަނީ އަހަރުން އަހަރަށް %20 އިން އިތުރުވި އެވެ.
މި ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ހަރަދުބަރު (ފިސްކަލް)ގެ ހާލަތު ގޯސްވެ މާލީ ގޮންޖެހުންތަކެއް ދައުލަތަށް ކުރިމަތިވި ނަމަވެސް ރާއްޖޭގެ އިގުތިސާދު ކުރިއަށްވުރެ ރަނގަޅުކަމަށް ބެލެވެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީ އިތުރުވިއިރު މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސްދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އަހަރު ނިމޭއިރު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.